ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު---
ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އެންޑް ނޮދަރން އަޔަރލެންޑް (އިނގިރޭސިވިލާތު) ގެ ބޮޑުވަޒީރުކަމުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެޤައުމުގެ މެމްބަރ އޮފް ޕަރލަމެންޓް، ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު، ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކާމިޔާބަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިމޮކްރެޓިކް އުޞޫލުތައް ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ކުރިއެރުވުމުގެ މަތީގައި ބިނާވެފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ތާރީޚީ ގުޅުން ފާހަގަކުރައްވާފައެވެ. އަދި ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި އިނގިރޭސިވިލާތުގެ މުހިންމު ޙިއްޞާ ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީ ނިންމަވާލެއްވީ ބޮޑުވަޒީރު ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިނގިރޭސިވިލާތުގެ އެކުވެރި ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙަޔާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.