ކުޅިވަރު / ދުނިޔެ

ބައެއް މީހުން ތިބީ އަހަރެމެން މެޗުން ބަލިނުވެގެން: ރޮޑްރިގޯ ޑި ޕޯލް

ބައެއް މީހުން ތިބީ އަހަރެމެން މެޗުން ބަލިނުވެގެން: ރޮޑްރިގޯ ޑި ޕޯލް

ރޮޑްރިގޯ ޑި ޕޯލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 11:43

21 ޖުލައި 2026، 11:43

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން 1-0 އިން ބަލިވެ، ތަށި ދިފާއު ނުކުރެވުމުގެ ހިތާމައިގައި ހުރި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރިގޯ ޑި ޕޯލް، އެ ގައުމަށް ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގައި އިންޓަ މިއާމީއަށް ކުޅެމުންދާ ޑި ޕޯލް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން 70 މިނެޓު ކުޅެފައެވެ. އޭނާ ބަދަލުކުރީ އެތުލެޓިކޯ މެޑްރިޑްގެ ޖިއުލިއާނޯ ސިމިއޯނީއަށެވެ.

މެޗަށްފަހު އިންސްޓަގްރާމްގައި ކުރި އަސަރުގަދަ ޕޯސްޓެއްގައި ޑި ޕޯލް ބުނީ، އެންމެ ބޮޑު ހިތާމައަކީ ގައުމަށް ތަށި ގެންގޮސްނުދެވުން ކަމަށެވެ. "އެންމެ ބޮޑު ތަދެއް އިހުސާސްވަނީ އަހަރެމެންގެ ގައުމަށް އަނބުރާ ވޯލްޑް ކަޕް ގެންގޮސް ނުދެވުމުން. އެހެންނަމަވެސް ވަގުތު ފާއިތުވަމުންދާ ވަރަކަށް އަހަރެމެންނަށް މި ފާހަގަވަނީ މި ޓީމާ ރައްޔިތުންނާ އޮތް ގުޅުމަކީ ތަށްޓަށްވުރެ މާ މަތިވެރި ގުޅުމެއްކަން،" އޭނާ ލިޔެފައިވެއެވެ.

މީގެ އިތުރުން، އާޖެންޓީނާއާ ދެކޮޅަށް ފާޑުކިޔާ މީހުންނަށް އަމާޒުކޮށް ޑި ޕޯލް ބުނީ، ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ މި ޓީމު ބަލިވާނެ ވަގުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ކަމަށެވެ. އަދި މުޅި މުބާރާތުގައި އާޖެންޓީނާއާ ދެކޮޅަށް އެކި ކަހަލަ "ކޮންސްޕިރަސީ ތިއަރީތައް" ފަތުރަމުންދިޔައީ އާޖެންޓީނާގެ ކާމިޔާބީތަކާ މެދު ހަސަދަވެރިވާތީ ކަމަށް އޭނާ ތުހުމަތުކުރިއެވެ.

"އަހަރެމެންގެ ހިނިތުންވުމާއި، އަހަރެމެން އުޅޭ ގޮތް އެމީހުންނަށް އުނދަގޫވަނީ. އެކަމަކު އެ ހުރިހާ ކަމަކުން ވެސް ސާބިތުވީ އަހަރެމެންގެ ޖާޒީއަށް އޮތް ލޯތްބާއި ކެތްތެރިކަމުން ކޮންމެ ހުރަހެއްވެސް ގިރާކުރެވޭނެކަން،" ޑި ޕޯލް އިތުރަށް ބުންޏެވެ.

މުޅި މުބާރާތުގައި ފީފާއިން އާޖެންޓީނާއަށް ފަހިވާ ގޮތަށް ނިންމުންތައް ނިންމާކަމުގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، ފައިނަލް މެޗުގައި އާޖެންޓީނާއަށް ގޯލާ ދިމާލަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. ސްޕެއިން މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފެރާން ޓޮރެސް ކާމިޔާބުކުރި ގޯލުންނެވެ. މި މެޗު ނިންމާލަން ޖެހުނީ އާޖެންޓީނާގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމާ ގުޅިގެން 10 ކުޅުންތެރިންނާއެކުގައެވެ.

ބަލިވުމުގެ ހިތާމަ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބުނަމުން ޑި ޕޯލް ނިންމާލީ، އާޖެންޓީނާގެ ރައްޔިތަކަށްވީތީ މިއަދު ކުރިއަށްވުރެވެސް ބޮޑަށް ފަޚުރުވެރިވާ ކަމަށް ބުނަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450