ދުނިޔެ

އިމްތިހާނު ކަރުދާސް ލީކުވުން ހުއްޓުވުމަކީ ގައުމީ ޒިންމާއެއް: މޯދީ

އިމްތިހާނު ކަރުދާސް ލީކުވުން ހުއްޓުވުމަކީ ގައުމީ ޒިންމާއެއް: މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 02:08

21 ޖުލައި 2026، 02:08

އިންޑިއާގެ މެޑިކަލް އެންޓްރަންސް އިމްތިހާނު ގެ ކަރުދާސް ލީކުވި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި އެން.ޑީ.އޭ ޕާލިމަންޓަރީ ޕާޓީގެ 'މަންގަލް މިލާން' ބައްދަލުވުމަށްފަހު، ވަޒީރު ކިރެން ރިޖިޖޫ ވިދާޅުވީ، އިމްތިހާނު ކަރުދާސްތައް ލީކުވުން ހުއްޓުވުމަކީ މުޅި ގައުމުގެ ޒިންމާއެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި ކަމަށެވެ. އަދި އެއްވެސް އުނިކަމެއް ނެތް ވަރުގަދަ އިމްތިހާނު ނިޒާމެއް ގާއިމުކުރުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް މޯދީ ބާރުއެޅުއްވިއެވެ.

މި ބައްދަލުވުމުގައި ބޮޑުވަޒީރު ވަނީ ސިޔާސީ ތަފާތުތަކަށްވުރެ ގައުމުގެ މުސްތަގުބަލާއި ޒުވާނުންގެ ލާބައަށް މަސައްކަތް ކުރުމަކީ ހުރިހާ މެންބަރުންގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕާޓީތަކުން ވެސް ޕާލިމަންޓުގައި ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މި މައްސަލައިގައި ދަރިވަރުންގެ ބޮޑެތި އިހުތިޖާޖުތަކެއް ކުރިއަށްދާއިރު، އިއްޔެ ވެސް ޕާލިމަންޓާ ދިމާލަށް ހިނގި ދަރިވަރުން ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަގޭހާއި ލަޓިބުރި ބޭނުންކޮށްފައެވެ. 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީ.ޖޭ.ޕީ) އިސްވެ އޮވެ ހިންގާ މި އިހުތިޖާޖުތަކުގައި ދަރިވަރުން ދަނީ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ދެ މިލިއަނަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި މި އިމްތިހާނު، ކަރުދާސް ލީކުވި މައްސަލައިގައި މޭ މަހު ބާތިލުކުރުމަށްފަހު، އަލުން އިމްތިހާނު ބާއްވާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. މީގެ އިތުރުން ސީ.ބީ.އެސް.އީ ދަރިވަރުންގެ އޮންލައިން މާކިން ސިސްޓަމަށް ދިމާވި މައްސަލަތަކުގެ ކަންބޮޑުވުން ވެސް ވަނީ އިތުރުވެފައެވެ.

ކިރެން ރިޖިޖޫ އިތުރަށް ވިދާޅުވީ، ކަރުދާސް ލީކުވިކަމުގެ ރިޕޯޓު ލިބުމާއެކު ސަރުކާރުން ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގައި ސީ.ބީ.އައި އިން ވަނީ ނޭޝަނަލް ޓެސްޓިން އެޖެންސީ (އެން.ޓީ.އޭ) ގެ މަސައްކަތްތަކުގައި ބައިވެރިވި ކެމިސްޓްރީ ލެކްޗަރާއަކު ހައްޔަރުކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ހާއްސަ ވެބްސައިޓެއް ވެސް ގާއިމުކޮށްފައެވެ.

ދަރިވަރުންގެ މުސްތަގުބަލަށް އުނިކަމެއް ނާންނާނެހެން، ލަސްނުކޮށް އަލުން އިމްތިހާނު ކުރިއަށް ގެންގޮސްފައިވާކަން ބޮޑުވަޒީރު ފާހަގަކުރެއްވި ކަމަށް ރިޖިޖޫ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450