ދުނިޔެ
އެމެޒޯންގެ ޑޭޓާ ސެންޓަރަކަށް ޙަމަލާދީފި
އެމެޒޯންގެ ޑޭޓާ ސެންޓަރަކަށް ޙަމަލާދިނުން
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ބަޙްރައިންގައި ހުރި އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެމެޒޯންގެ ޑޭޓާ ސެންޓަރަކަށް އަމާޒުކޮށް ޙަމަލާދީފައިވާ ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އެމެޒޯން ކުންފުނީގެ އިންޓެލިޖެންސް ޑޭޓާ ސެންޓަރު ހުންނަ އިމާރާތަށް އަމާޒުކޮށް ޙަމަލާދީ އެ ތަން ސުންނާފަތިކޮށްލާފައިވާ ކަމަށެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި މި ޑޭޓާ ސެންޓަރަކީ އެމެރިކާގެ ސިފައިންނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.
މިދިޔަ ބުދަ ދުވަހުވެސް އައި.އާރު.ޖީ.ސީ އިން ވަނީ އެމެޒޯންގެ ޑޭޓާ ސެންޓަރަށް އަމާޒުކޮށް ޙަމަލާދީފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، މި ޙަމަލާއާ ގުޅޭގޮތުން އެމެޒޯން ކުންފުނިން ނުވަތަ ބަޙްރައިންގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ޙަމަލާއަކީ ސަރަޙައްދީ މަސްލަޙަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ދެވުނު ޙަމަލާއެއް ކަމަށް ބެލެވެއެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ސިފައިންނަކީ ކުށެއްނެތް ކުޑަކުދިން މަރަމުންދާ ބައެއް ކަމަށާއި، އެމީހުންނަށް އެހީތެރިވާ ކޮންމެ މަރުކަޒަކީ އެމީހުންގެ އަމާޒެއް ކަމަށެވެ.