ދުނިޔެ

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފީފާގެ ރައީސް އިންފަންޓީނޯ

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފީފާގެ ރައީސް އިންފަންޓީނޯ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖުލައި 2026، 03:32

24 ޖުލައި 2026، 03:32

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އދ. ގެ ދެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އައްޔަންކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފި ކަމަށް "ދަ ޕޯސްޓް" އިން ރިޕޯޓްކޮށްފިއެވެ.

އުމުރުން 56 އަހަރުގެ އިންފަންޓީނޯ އާއި ޓްރަމްޕްގެ ގުޅުން ބަދަހިވެގެން ދިޔައީ މިއަހަރު ބޭއްވުނު ވޯލްޑް ކަޕް އިންތިޒާމުކުރުމުގެ ތެރެއިންނެވެ. މި ގުޅުމުގެ ތެރެއިން، މިދިޔަ ޑިސެމްބަރު މަހު ފީފާ އިން އަލަށް ތައާރަފުކުރި "ޕީސް ޕްރައިޒް" ވެސް ވަނީ ޓްރަމްޕަށް އަރުވާފައެވެ.

ޓްރަމްޕާ ގާތް ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އިންފަންޓީނޯ އަކީ މުޅި ދުނިޔޭގެ އިހުތިރާމް ލިބިފައިވާ، މީހުން އެއްބައިކުރުމުގެ ހާއްސަ ގާބިލުކަމެއް ހުރި ބޭފުޅެއް ކަމަށް ޓްރަމްޕް ގަބޫލުފުޅު ކުރައްވައެވެ. އދ. ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މި އަހަރުގެ ޑިސެމްބަރު މަހު ރިޓަޔަރ ކުރައްވާއިރު، އާ ސެކްރެޓަރީ ޖެނެރަލެއް ހޮވުން މި އަހަރު އޮންނާނެއެވެ.

މި މަގާމަށް އިންފަންޓީނޯ އިންތިޚާބުވުމަށްޓަކައި ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތާއީދު ބޭނުންވާނެއެވެ. މީގެ ތެރޭގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމު ހިމެނެއެވެ. ނަމަވެސް، އިންފަންޓީނޯ މި މަގާމަށް ކުރިމަތިލާން ބޭނުންފުޅުވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

މިހާރު މި މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ޗިލީގެ ކުރީގެ ރައީސާ މިޝޭލް ބެޗެލެޓް އާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފައޭލް ގްރޮސީ ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް މި ބޭފުޅުންނަށް ބައެއް ގައުމުތަކުގެ ދެކޮޅުވެރިކަން އޮތުމަކީ އިންފަންޓީނޯއަށް އޮތް ފުރުސަތެއް ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވައެވެ.

ޓްރަމްޕްގެ މި ހުށަހެޅުމަކީ ވަރަށް ތަފާތު އަދި "ޖީނިއަސް" ޚިޔާލެއްގެ ގޮތުގައި ޓްރަމްޕްގެ ހާއްސަ މަންދޫބު ޕައޮލޯ ޒަމްޕޮލީ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފީފާގެ 200 އަށްވުރެ ގިނަ މެންބަރު ގައުމު ބެލެހެއްޓުމުގެ ތަޖުރިބާ އިންފަންޓީނޯއަށް ހުރުމަކީ އދ. ގެ 193 މެންބަރު ގައުމާއެކު މަސައްކަތް ކުރުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

އެމެރިކާއިން އދ. އަށް ދޭ އެހީތައް ކަނޑާލައި، ބައެއް ގޮފިތަކުން ވަކިވެފައިވާ ދަނޑިވަޅެއްގައި، އިންފަންޓީނޯ ފަދަ ބޭފުޅަކު އެ މަގާމަށް އައުމަކީ ޓްރަމްޕާއި އދ. އާ ދެމެދު އޮތް ގުޅުން ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް، ފީފާގެ ރައީސްގެ ގޮތުގައި އިންފަންޓީނޯއަށް އަހަރަކު ލިބޭ 6 މިލިއަން ޑޮލަރުގެ މުސާރައާ އަޅާބަލާއިރު، އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ މާ ބޮޑަށްވެސް ކުޑަވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450