ދުނިޔެ
ހޮރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ 6،000 ފަޅުވެރިން ސަލާމަތްކުރުމަށް އދ. އިން ގޮވާލައިފި
ހޮރްމުޒް ކަނޑުއޮޅި ފޮޓޯ: ގޫގުލް
އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ ގާތްގަނޑަކަށް 6،000 ފަޅުވެރިން ރައްކާތެރިކަމާއެކު އެނބުރި ގައުމަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް އދ. އިން ގޮވާލައިފިއެވެ.
އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކަރ ތާރކް ވަނީ މި މައްސަލައިގައި ހިމެނޭ ހުރިހާ ގައުމުތަކަކުން އިސްނަގައިގެން، އެ ސަރަހައްދުގައި ތާށިވެފައި ތިބި ފަޅުވެރިން ސަލާމަތްކުރުމަށް އެހީތެރިވުމަށް ބާރުއަޅުއްވާފައެވެ.
ޖެނީވާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވޮލްކަރ ތާރކްގެ ތަރުޖަމާނު ޝާބިއާ މަންޓޫ ވިދާޅުވީ، ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅައި، ފަޅުވެރިންނަށް ރައްކާތެރިކަމާއެކު އެ ސަރަހައްދުން ބޭރުވެވޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށެވެ. އަދި ހަމައެއާއެކު، އެމީހުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރަހައްދުގައި މަސްލަހަތު ގޯސްވެ، ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ކަނޑުދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުފަހަރުތަކާއި އޭގައި ތިބި ފަޅުވެރިން ވަނީ ނުރައްކާތެރި ހާލަތެއްގައި ތާށިވެފައެވެ.
އދ. އިން މިގޮތަށް ގޮވާލާފައިވަނީ، ހަނގުރާމައިގެ ސަބަބުން އާންމު މަދަނީންނާއި، ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރާ މަސައްކަތްތެރިންގެ ފުރާނައަށް ނުރައްކާވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.