ދުނިޔެ

ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވައިފި

ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވައިފި

ބަންގްލަދޭޝްގެ 22 ވަނަ ރައީސް މުޙައްމަދު ޝަހާބުއްދީން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖުލައި 2026، 05:24

24 ޖުލައި 2026، 05:24

ބަންގްލަދޭޝްގެ 22 ވަނަ ރައީސް މުޙައްމަދު ޝަހާބުއްދީން،  އެމަނިކުފާނުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސްގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ސަރުވަރު އާލަމް ވިދާޅުވި ގޮތުގައި، ޝަހާބުއްދީންގެ އިސްތިއުފާގެ ސިޓީއާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޙާފިޒު އުއްދީން އަޙްމަދު ހަވާލުވެވަޑައިގަތީ މިއަދު ހަވީރު، ރާއްޖެ ގަޑިން 16:01 ގައެވެ.

މަޤާމުން އިސްތިއުފާ ދެއްވި ސަބަބާ ބެހޭގޮތުން "ދަ ޑެއިލީ ސްޓާ" ނޫހުން ސުވާލު ކުރުމުން ޝަހާބުއްދީން ވިދާޅުވީ، އޭނާ ތަފާތު ސިއްހީ މައްސަލަތަކެއް ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، މިވަގުތު އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ދެއްވަން ބޭނުންފުޅުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަހާބުއްދީން މަޤާމުން އިސްތިއުފާ މިދެއްވީ، މިއަހަރުގެ މެއި މަހުގެ 9 އިން 18 އަށް ބޭސްފަރުވާއަކަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައި، މަޤާމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ފޯނުން ވާހަކަދެއްކެވި ކަމަށް މީޑިއާގައި އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ. 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ބޮޑުވަޒީރުކަމުން ދުރުކުރި ފަހުން ޝައިޚް ހަސީނާ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައެވެ.

މުޙައްމަދު ޝަހާބުއްދީން ބަންގްލަދޭޝްގެ ރައީސްކަމުގެ ހުވާ ކުރެއްވީ 24 އޭޕްރީލް 2023 ގައެވެ. އޭރު އޮތް އަވާމީ ލީގުގެ ފަރާތުން ރައީސްކަމަށް ކުރިމަތިލެއްވި ޝަހާބުއްދީން އެ މަޤާމަށް އިންތިޚާބުވީ، އެހެން އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވުމުން 13 ފެބްރުއަރީ 2023 ގައި އެއްވެސް ވާދައަކާ ނުލައެވެ.

ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންފައިވާ ޝަހާބުއްދީނަކީ ޤަޟާއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2006 ވަނަ އަހަރު ޑިސްޓްރިކްޓް އެންޑް ސެޝަންސް ޖަޖްގެ މަޤާމުން ރިޓަޔަރ ކުރެއްވިއިރު، 2011 އިން 2016 އަށް އެ ޤައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮމިޝަނަރުކަން ވެސް ވަނީ ކުރައްވާފައެވެ.

ސިޔާސީ ގޮތުން ބަލާއިރު، އެމަނިކުފާނަކީ ޕަބްނާ އެޑްވަރޑް ކޮލެޖުގެ ޗާޓްރާ ލީގުގެ ޖެނެރަލް ސެކްރެޓަރީކަމާއި، ޕަބްނާ ޑިސްޓްރިކްޓް ޗާޓްރާ ލީގުގެ އިތުރުން ޖޫބޯ ލީގުގެ ރައީސްކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450