Ads by Farudhun

ޚަބަރު

ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ޒުވާނުންނަށް އުޖާލާ މުސްތަގްބަލެއް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ޒުވާނުންނަށް އުޖާލާ މުސްތަގްބަލެއް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 ޖުލައި 2026، 12:46

25 ޖުލައި 2026، 12:46

ސަރުކާރުން ގެންގުޅުއްވާ ވަށާޖެހޭ ހަރުދަނާ ސިޔާސަތުތަކުގެ އެހީގައި ރާއްޖޭގެ ޒުވާނުންނަށް ފާގަތި އަދި އުޖާލާ މުސްތަގްބަލެއް ކަށަވަރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕްރޮގްރާމްގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ރައީސް ވިދާޅުވީ، ގައުމުގެ އިގްތިސާދީ ތަރައްގީގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޒުވާނުން ކަމަށްވާތީ، އެ ފަރާތްތަކުގެ ކުރިއެރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ޒުވާނުން ބާރުވެރިކުރުވުމަށް ބޭނުންވާ ތަފާތު މަޝްރޫއުތަކާއި ތަމްރީނު ޕްރޮގްރާމްތައް މިހާރުވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް އިގްތިސާދީ މިނިވަންކަން ހޯދައިދިނުމަށްޓަކައި ހާއްސަ ލޯނު ސްކީމްތަކާއި، މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒެކެވެ. މީގެ އިތުރުން، ކިޔަވާ ނިމިގެން ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމާއި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރެއިން ވަރަށް މުހިންމު ދާއިރާއެއް ޒުވާނުން ތަރައްގީ ކުރުމުގެ ދާއިރާއަކީ. އެންމެ މައި އިސްކަމެއް ދެވޭ ދާއިރާއެއްގެ ގޮތުގައި ބެލެވޭ ދާއިރާއެއް. ޒުވާނުންނަކީ ގައުމުގެ އިގްތިސާދު ބިނާކުރުމުގައި ސަރުކާރުގެ އެންމެ މުހިންމު އެއްފަރާތް،"

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގައި "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ ޖީޑީޕީގެ މަދުވެގެން 15 އިންސައްތައަކީ މިދެންނެވި އުފެއްދުންތެރި އިގްތިސާދުން ހޯދާ އާމްދަނީއަށް ހެދުމެވެ. މިއީ ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ، އުފެއްދުންތެރިކަމުގެ ތެރެއިން އާމްދަނީ ހޯދުމަށް ހުޅުވޭ ވަރަށް ބޮޑު ދޮރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން ކުރިއަށްދާނެ ވަކި މަގަކަށް އަމާޒު ނުހިފި ތިބި ޒުވާނުންނަށްވެސް ރައީސް ވަނީ އުއްމީދީ މެސެޖެއް ދެއްވާފައެވެ. އެފަދަ ޒުވާނުންނަށް "ނޭޝަނަލް ސާވިސް ޕްރޮގްރާމް" މެދުވެރިކޮށް އެކި ދާއިރާތަކުން ހުނަރު ދަސްކޮށްދީ، ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޒުވާނުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ފުރުސަތުތައްވެސް ހިމެނޭހެން، ހުރިހާ ދާއިރާއަކުން ޒުވާނުންނަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމުގެ އިތުބާރު އަލުން އާކުރައްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450