ކުޅިވަރު
ވީއޭއެމްއިން ގައުމީ އަންހެން ވޮލީ ޓީމު ސަސްޕެންޑުކޮށްފި
ގައުމީ އަންހެން ވޮލީޓީމު / ފޮޓޯ: ރައީސް އޮފީސް
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ނުސީދާކޮށް ސަސްޕެންޑް ކޮށްފިއެވެ. ވީއޭއެމްއިން މި ފިޔަވަޅު އަޅާފައިވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތަކަށް ފަރުވާކުޑަކުރާ ކަމަށް ބުނެއެވެ.
މި މައްސަލަ ފެންމަތިވީ މި މަހުގެ 15 ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް ފަރިތަކުރުންތަކަށް ގައުމީ ޓީމުގެ ކުޅުންތެރިން ހާޒިރުވެފައި ނުވުމާ ގުޅިގެންނެވެ. ވީއޭއެމްއިން ނިންމާފައިވަނީ މީގެ ފަހުން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ކުޅުންތެރިންނަށް ބައިވެރިވެވޭނީ، އެސޯސިއޭޝަނުގެ ކިބައިން މާފަށް އެދުމުން ކަމަށެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުޅުންތެރިން ފަރިތަކުރުންތަކަށް ނުނިކުތް މައިގަނޑު ސަބަބަކީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެ ކުޅުންތެރިން މަސައްކަތްކުރާ އޮފީސްތަކުން ދީފައިވާ ރިލީޒް މި މަހުގެ 16 ވަނަ ދުވަހަށް ހަމަވާތީ، 15 ވަނަ ދުވަހަކީ އަރާމުކުރުމަށާއި އޮފީހަށް ނުކުތުމަށް ތައްޔާރުވުމަށް ލިބޭ ދުވަހެއްގެ ގޮތުގައި ހެދުމަށް ބޭނުންވުމެވެ. އެހެންކަމުން މިގޮތަށް ހަމަޖައްސައިދިނުމަށް ކުޅުންތެރިން އެދިފައިވާ ކަމަށާއި، ނަމަވެސް، ވީއޭއެމްއިން އެ ފުރުސަތު ނުދިނުމުން ކުޅުންތެރިން ފަރިތަކުރުމަށް ނުނިކުތީ ކަމަށް މައުލޫމާތު ލިބެއެވެ.
ވީއޭއެމްއިން ދަނީ ފަހަކަށް އައިސް ކުޅުންތެރިންގެ އަޚުލާގީ އަދި ޑިސިޕްލިނަރީ މައްސަލަތައް ވަރަށް ހަރުކަށިކޮށް ބަލަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ޒުވާން ވޮލީ ތަރި ޝަމާއިލް ހުސެއިންއާ މެދުވެސް ވަނީ ފިޔަވަޅު އަޅާފައެވެ. ޝަމާއިލް ސަސްޕެންޑް ކުރީ އެސޯސިއޭޝަނުގެ ހުއްދަ ނެތި ލ. އަތޮޅުގައި ބޭއްވި މުބާރާތެއްގައި ކުޅުމާ ގުޅިގެންނެވެ.