ކުޅިވަރު

ހަމްޕު އާއި ދާދުގެ ފަހުން ނިހާޓު އަދި ޗެކު ވެސް ވިކްޓަރީއަށް

ހަމްޕު އާއި ދާދުގެ ފަހުން ނިހާޓު އަދި ޗެކު ވެސް ވިކްޓަރީއަށް

ނިހާޓު އާއި ގޯލްކީޕަރު ޗެކް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖުލައި 2026، 10:26

25 ޖުލައި 2026، 10:26

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ވިކްޓަރީ ސްޕޯޓްސް ކްލަބުން ދަނީ ރާއްޖޭގެ ފުންނާބު އުސް ގިނަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެންނަމުންނެވެ. އެގޮތުން، ގައުމީ ޓީމުގެ ދެ ތަރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) އަށް ފަހު، ތަޖުރިބާކާރު ކުޅުންތެރިއެއް ކަމުގައިވާ ހުސެއިން ނިހާން (ނިހާޓް) އާއި ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވެސް މިހާރު ވަނީ ވިކްޓަރީއަށް ސޮއިކޮށްފައެވެ.

ނިހާން އާއި ޝަފީއު އަކީ ނިމިދިޔަ ސީޒަނުގައި އޮޑި ސްޕޯޓްސް ކްލަބުން ފެނިގެންދިޔަ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން ވަނީ މިދިޔަ އަހަރު އޮޑި ސްޕޯޓްސް ކްލަބާއެކު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. ވަކިން ހާއްސަކޮށް، ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިކުރި އިރު، ޝަފީއު ވަނީ މޮޅު ކުޅުމެއް ދައްކައި ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ނިހާން ވިކްޓަރީގެ ޖާޒީގައި ފެންނާނެ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު ވެސް އޭނާ ވަނީ އެ ކްލަބަށް ކުޅެފައެވެ. މީގެ އިތުރުން ނިހާން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސްގައި ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. ކީޕަރު ޝަފީއުއަކީ ވެސް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބްތަކެއްގައި ކުޅެފައިވާ ތަޖުރިބާކާރު ކީޕަރެކެވެ. އޭގެ ތެރޭގައި ނިއުރޭޑިއަންޓް، ވެލެންސިއާ، އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ހިމެނެއެވެ.

މީގެ ކުރިން ވިކްޓަރީއަށް ސޮއިކުރި ހަމްޒާ އާއި ނާއިޒްއަކީ މާޒިޔާ ދޫކޮށް އެ ކްލަބާ ގުޅުނު ދެ ކުޅުންތެރިންނެވެ. ވިކްޓަރީއާ ގުޅުމަށްފަހު ހަމްޒާ ބުނީ، ކުރިއަށް އޮތް ސީޒަނުގައި އޭނާ ފެންނާނީ ވިކްޓަރީގެ ޖާޒީގައިކަން ވަރަށް އުފަލާއެކު ހިއްސާކުރާ ކަމަށެވެ. މިއީ އޭނާގެ ކެރިއަރުގައި ކުޅޭ ތިންވަނަ ޓީމުކަން ފާހަގަކޮށް ހަމްޒާ ބުނީ، ކެރިއަރުގެ މި އައު ސަފްހާއާ ކުރިމަތިލާން ހުރީ ކެތްމަދުވެފައި ކަމަށާއި، ލިބުނު މި ފުރުސަތާމެދު ނުހަނު އުފާކޮށް، ޝުކުރުވެރިވާ ކަމަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓަރީން މިފަދަ ވަރުގަދަ ކުޅުންތެރިންތަކެއް ހޯދުމަކީ، އަލުން އެނބުރި ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ އުހަށް ދިއުމަށް އެ ކްލަބުން ކުރަމުންދާ މަސައްކަތުގެ ބޮޑު ހެއްކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450