ކުޅިވަރު
މައްސަލަ ބޮޑުވި އެފްކޮން ފައިނަލްގެ ނަތީޖާ ކަނޑައެޅުމާ ގުޅޭ އަޑު އެހުމެއް ތާވަލުކޮށްފި
ސެނެގާލްއިން އެފްކޮން ތަށި އުފުލާލުން / ފޮޓޯ: ގެޓީ އިމޭޖަސް
2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ތަށި ސެނެގަލް އަތުން އަތުލައި، މޮރޮކޯއަށް ދިނުމަށް ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ކެފް) އިން ނިންމި ނިންމުމާ ގުޅޭ އިސްތިއުނާފު އަޑުއެހުން އަންނަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ތާވަލުކޮށްފިއެވެ.
މިއީ އެފްކޮންގެ ފައިނަލް މެޗުން ސެނެގާލް މޮޅުވުމުން، އެ ޓީމަށް ތަށި ދިނުމަށްފަހު އެއީ ރަނގަޅު ނޫން ނިންމުމެއް ކަމަށް ބުނެ މޮރޮކޯއަށް ތަށި ދިނުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން، ހިތްހަމަނުޖެހުން ފާޅުކޮށް ސެނެގަލްގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބާފައެވެ. ގާތްގަނޑަކަށް 17 މިނެޓުގެ މެދުކެނޑުމަކަށްފަހު ކުޅުންތެރިން އެނބުރި ދަނޑަށް އައިސް ކުޅުން ކުރިއަށް ގެންދިޔައިރު، މޮރޮކޯގެ ބްރަހިމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އެއަށްފަހު، ސެނެގަލްގެ ޕާޕޭ ގުއޭޔޭ ޖެހި ލަނޑާއެކު 1-0 އިން މެޗު ކާމިޔާބުކޮށް ތަށި އުފުލާލީ ސެނެގާލްއެވެ.
ނަމަވެސް، ކެފްއިން ފަހުން ނިންމީ ސެނެގަލްގެ ކުޅުންތެރިން ދަނޑުން ފޭބުމަކީ މެޗު ދޫކޮށްލުން ކަމަށް ބަލައި، 3-0 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވި ކަމަށެވެ. މި ނިންމުމާއެކު މުބާރާތުގެ ޗެމްޕިއަންކަން މޮރޮކޯއަށް ލިބުނެވެ.
މި ނިންމުން ބާތިލުކޮށް، އަލުން ސެނެގަލްއަކީ ޗެމްޕިއަނުންގެ ގޮތުގައި ކަނޑައެޅުމަށް އެދި އެ ގައުމުން 'ކާސް' އަށް މައްސަލަ ހުށަހެޅީ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ. ކެފް އަދި މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން މި މައްސަލަ އަވަސް މަރުހަލާއެއްގައި ކުރިއަށް ގެންދަން އެއްބަސްނުވުމުން، އާންމު އުސޫލުގެ ދަށުން އަޑުއެހުން މިހާރު ވަނީ އޮކްޓޫބަރު 8 އަށް ތާވަލުކުރެވިފައެވެ.
ކާސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އަޑުއެހުން ކުރިއަށްދާނީ ސުވިޒަލޭންޑުގެ ލޯސާންގައި ހުންނަ އެ ކޯޓުގެ މައި މަރުކަޒުގައި ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. އަދި މައްސަލައިގެ ފަހުގެ ނިންމުން އިއްވާނެ ތާރީޚެއް އަދި ކަނޑަނޭޅޭ ކަމަށާއި، ނަމަވެސް އަޑުއެހުން ބާއްވާ ދުވަހު ހުކުމް އިއްވުން ނޯންނާނެ ކަމަށްވެސް އެ ކޯޓުން ބުނެފައިވެއެވެ.