ކުޅިވަރު
އާރުއާރުސީއިން ކްލަބް މޯލްޑިވްސް ކަޕް ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފި
އާރުއާރުސީއިން ކްލަބް މޯލްޑިވްސް ކަޕް ތަށި އުފުލާލުން / ފޮޓޯ: ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފޯރިގަދަ ފައިނަލް މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލަނޑު ޖަހައި، އެސްޓީއޯ ރެކްރިއޭޝަން ކްލަބް ބަލިކޮށް ރޯޑް ރެކްރިއޭޝަން ކްލަބް(އާރުއާއުސީ) އިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ ފައިނަލްގެ މެޗު އާރުއާރުސީއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ޖެހިޖެހިގެން އާރުއާރުސީއިން މި ތަށި އުފުލާލި ދެވަނަ ފަހަރެވެ. އަދި މިއީ ވޭތުވެދިޔަ ހަ އަހަރު ތެރޭގައި އެ ޓީމުން ފައިނަލްގައި ކުޅުނު ފަސްވަނަ ފަހަރުވެސް މެއެވެ.
މުޅި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަލުވި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އާރުއާރުސީއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އިސްމާއިލް މުނީޒް ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، އޭގެ ފަހުން މިނެޓެއްވެސް ނުވަނީސް އެސްޓީއޯގެ ހުސައިން ޝަރީފް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން އާރުއާރުސީގެ ޝަނާން ރަޝާދު ވަނީ އަހުމަދު އަފްލާޒް ދިން މޮޅު ޕާހަކުން ލަނޑެއް ޖަހައި އަނެއްކާވެސް އެ ޓީމަށް ކުރިހޯދައިދީފައެވެ. އެކަމަކު، އެސްޓީއޯއިން ހިތްވަރު ދޫނުކޮށް ކުޅެމުންދަނިކޮށް، އާރުއާރުސީގެ އާދަމް ނާސިހް އަތުގައި ބޯޅަ ޖެހުމުން ވީއޭއާ އިން ބެލުމަށްފަހު ރެފްރީ ވަނީ އެސްޓީއޯއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އިސްމާއިލް އީސާ ވަނީ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ 23 ސިކުންތަށް ވެފައި ވަނިކޮށް، އާރުއާރުސީ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި އިސްމާއިލް މުނީޒެވެ. އަލީ ހާފިޒް އާއި އަހުމަދު އަފްލާޒް ގުޅިގެން އުފެއްދި ފުރުސަތެއްގައި، އަފްލާޒް ހުރަސްކޮށްލި ބޯޅަ މުނީޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް އެސްޓީއޯއިން ފަސްވަނަ ފަހަރަށް ތަށި ހޯދުމަށް ކުރި މަސައްކަތް މި އަހަރު ވެސް ކާމިޔާބުނުވިއިރު، އާރުއާރުސީއިން މިވަނީ ރާއްޖޭގެ ފުޓްސަލްގައި އެ ޓީމަކީ މިހާރުގެ އެންމެ ވަރުގަދަ ބާރުކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ.