Ads by Farudhun

ޚަބަރު

އެމްޑީޕީގެ ވެރިކަންތަކުގައި އޮތީ އިސްރާއީލަށް ތާއީދުކުރާ ޚާރިޖީ ސިޔާސަތެއް: ރައީސް

އެމްޑީޕީގެ ވެރިކަންތަކުގައި އޮތީ އިސްރާއީލަށް ތާއީދުކުރާ ޚާރިޖީ ސިޔާސަތެއް: ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހަމއްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ޖުލައި 2026، 02:41

26 ޖުލައި 2026، 02:41

އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގައި އޮތީ އިސްރާއީލަށް ތާއީދުކުރާ ނުވަތަ "ޕްރޯ އިސްރާއީލު" ފޮރިން ޕޮލިސީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގައި އޮތީ އިސްރާއީލަށް ތާއީދުކުރާ ނުވަތަ "ޕްރޯ އިސްރާއީލު" ފޮރިން ޕޮލިސީއެއް ކަމަށެވެ. އަދި އެ ދުވަސްވަރު ރާއްޖެއިން އިސްލާމީ އުންމަތާއި އަރަބި ގައުމުތަކާ ދުރުވެގަތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މީގެ ކުރީގެ ބައެއް ސަރުކާރުތަކުން ރާއްޖޭގެ ޚާރިޖީ މިނިވަންކަން އެހެން ބައެއްގެ ބާރުގެ ދަށަށް ދޫކޮށްލާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ މި ގައުމުގައި އެކި ސަރުކާރުތަކުން އެކި ކަހަލަ ފޮރިން ޕޮލިސީ ގެންގުޅެފައިވޭ. އެހެން ބައެއްގެ އަތްދަށުގައި، އެބައެއްގެ ބާރު ދަށުގައި ރާއްޖޭގެ ހާރިޖީ މިނިވަންކަން ގެންގުޅެފައިވާ ދުވަސްތަކެއްވެސް ގޮސްފައި އެބަ ހުރި. އާދައިގެ ބަހަކުން ދަންނަވަންޏާ ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތު، އެއީ މި ގައުމަށް ހެޔޮ ގޮތެއް ނޫން،".

ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިންގެ ވިންދާއި އިހުސާސާ ގުޅިފައިވާ، "ދިވެހިން ފުރަތަމަ" އަށް އިސްކަންދޭ ސިޔާސަތެއްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އިސްރާއީލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކާއެކުވެސް މި ސަރުކާރުން ގުޅުން ބާއްވާނެ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމު ދިވެހިން ގަބޫލުނުކުރާނެ ކަމަށާއި، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ނިންމާފައިވާ ނިންމުން އެގޮތުގައި ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އެހެންވީމަ ދިވެހި ރައްޔިތުންގެ ވިންދާއި އިހުސާސާއި އެއްގޮތަށް، މި ރީތި ފަސްގަނޑަަށް، އަޅުގަނޑުމެންގެ ރީތި މޫދުތަކުގެ ރީތިކަން ލިބިގަތުމުގެ ބޭނުމުގައި އިސްރާއީލުގެ ޕާސްޕޯޓުގައި މި ގައުމަކަށް ނާދެވޭނެ ކަމުގެ ފަހުރުވެރިކަމާއި އެކީގައި އެކަން އެގޮތުގައި ދަމަހައްޓާނަން،".

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ސާކް (SAARC) ޖަމާއަތް އަލުން ހަރަކާތްތެރިވުމަކީ ސަރަހައްދުގެ އަމާންކަމަށް މުހިންމު ކަމެއް ކަމަށެވެ. ސަރަހައްދީ ގައުމުތަކުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް އެއްކައިރިކޮށް، މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

"މިކަމުގައި ހިޔާލު ތަފާތުވާ، ތަފާތުވުންތައް އުފެދިިފައިވާ ފަރާތްތަަކަށް ރާއްޖެއިން ގޮވާލަނީ، އެކަންކަން އެއްކައިރިކޮށް، ސަރަހައްދުގެ ތަރައްގީއަށްޓަކައި ސަރަހައްދުގެ ސުލްހަމަސަލަސްކަމަށްޓަކައި އެކުވެރިކަން އިސްކޮށް، މޭޒު ދޮށަށް ވަޑައިގަންނަވާށޭ".

ރައީސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450