ދުނިޔެ

ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި އިސްރާއީލު ވަޒަންވެރިން ހުޅުޖަހައިފި

ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި އިސްރާއީލު ވަޒަންވެރިން ހުޅުޖަހައިފި

އިސްރާއީލް ވަޒަންވެރިން ހުޅުޖަހާފައިވާ މިސްކިތެއް ފޮޓޯ: ރޮއިޓަރސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2026، 03:12

26 ޖުލައި 2026، 03:12

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ދެ އަވަށެއްގައި ހުރި ދެ މިސްކިތެއްގައި، އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ރޭގެ ވަގުތެއްގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފި ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ނާބުލުސްގެ ދެކުނުން އޮންނަ ގުސްރާ އަވަށުގެ މޭޔަރު އަބްދުލް އަޒީމް ވަދީ ވިދާޅުވީ، އެ އަވަށުގެ ދެކުނު ސަރަހައްދުގައި އަލަށް ބިނާކުރަމުންދާ މިސްކިތެއްގައި ވަޒަންވެރިން ހުޅުޖަހާފައިވާ ކަމަށެވެ. "މި އަލިފާނުގެ ހާދިސާގައި މިސްކިތުގެ ދޮރުމަތީގެ އިތުރުން، މިސްކިތުގެ ފާރުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. މި ހަމަލާ ދިން މީހުން ވަނީ މިސްކިތުގެ ފާރުތަކުގައި އިބްރާނީ ބަހުން "ބަދަލުހިފުން" ފަދަ ލިޔުންތައް ސްޕްރޭކޮށް ކުރަހާފައެވެ.

މީގެ އިތުރުން، ތުލްކަރަމް ކައިރީގައި އޮންނަ ކޫރް އަވަށުގެ މިސްކިތެއްގައިވެސް އިސްރާއީލު ވަޒަންވެރިން ހުޅުޖަހާފައިވާ ކަމަށް ފަލަސްތީނުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ މިސްކިތުގެ ފާރުތަކުގައިވެސް ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ ފަދަ ޝިއާރުތައް ވަނީ ލިޔެފައެވެ.

މި ހަމަލާތައް ކުރިމަތިވެފައި މިވަނީ މިދިޔަ ހުކުރު ދުވަހު ތަލް އަވަށުގައި އިސްރާއީލު ވަޒަންވެރިންނާއި ފަލަސްތީނު މީހުންނާ ދެމެދު ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި ފަލަސްތީނުގެ ހަތަރު މީހަކާއި އިސްރާއީލުގެ ދެ މީހަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ. ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނާއި އެމީހުންގެ މުގައްދަސް ބިނާތަކަށް ދެމުންދާ މިފަދަ ހަމަލާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450