ދުނިޔެ
ތޫފާން"ނޯލް" ޗައިނާއަށް އަރައިފި
ތޫފާން ނޯލް ގެ ސަބަބުން ކަނޑު ގަދަވެފައި
ޗައިނާގެ ދެކުނުގެ ސަރަހައްދުތަކަށް ބޯވިއްސާރައާއި ގަދަ ވަޔާއެކު ތޫފާން "ނޯލް" އަރައިފިއެވެ. މި ތޫފާނާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގުއަންގްޑޮންގް ޕްރޮވިންސުން 340,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ޗައިނާގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، މި ތޫފާން ގުއަންގްޑޮންގް ޕްރޮވިންސުގެ ހުއިޒޯ ސިޓީގެ ހުއިޑޮންގް ކައުންޓީގެ އައްސޭރިފަށަށް އަރާފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު ރާއްޖެގަޑިން ގާތްގަނޑަކަށް 3:50 ހާއިރުއެވެ. ހޮންކޮންގް އޮބްޒަވޭޓަރީން ބުނާ ގޮތުގައި، ތޫފާން އެ ސަރަހައްދަށް އެރި އިރު މައިގަނޑު ސަރަހައްދުގައި ގަޑިއަކު 145 ކިލޯމީޓަރުގެ ބާރުމިނުގައި ވަނީ ވައި ޖެހިފައެވެ.
މި ތޫފާނުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، ހޮންކޮންގް އެއާޕޯޓުން ފުރަން އޮތް 150 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. އަދި ގުއަންގްޑޮންގް ޕްރޮވިންސުގެ ރޭލު ދަތުރުތައްވެސް އާދީއްތަ ދުވަހު ވަނީ މެދުކަނޑާލާފައެވެ.
ހޮންކޮންގް ސަރުކާރުން ބުނެފައިވާ ގޮތުގައި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމުގެ 100 އަށްވުރެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވާއިރު، މި ހާދިސާތަކުގައި ނުވަ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ތޫފާން އެއްގަމަށް އަރައި މަޑުމަޑުން ބާރު ދެރަވަމުން ދިޔަ ނަމަވެސް، ޖިއަންގްޒީ، ހޫނާން އަދި ހޫބޭ ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު އަސަރު ކުރާނެ ކަމަށް ލަފާކުރެވެއެވެ.
ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ގުއަންގްޑޮންގް ޕްރޮވިންސުގެ ކާރިސީ އެހީތެރިކަމުގެ އެލާޓް ތިންވަނަ ދަރަޖައަށް އުފުލާފައެވެ. މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މި ވިއްސާރަ އަންގާރަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. މީގެ އިތުރުން ޓައިވާނުގެ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށްވެސް މި ތޫފާނުގެ ސަބަބުން ވާރޭ ވެހެމުންދާ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
މި މަހުގެ ކުރީކޮޅުވެސް ޗައިނާއަށް ވަނީ ބާރުގަދަ ދެ ތޫފާނެއް ކަމަށްވާ "ބާވީ" އަދި "މޭސަކް" އަރާފައެވެ. އޭގެ ތެރެއިން ޖުލައި 11 ގައި އެރި ތޫފާން ބާވީއާ ގުޅިގެން 2 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ޖެހުނެވެ.