ދުނިޔެ

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ ކުރަފީ ޕާޓީއިން އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ ކުރި މުޒާހަރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2026، 03:30

26 ޖުލައި 2026، 03:30

އިންޑިއާގެ ބޮޑެތި އިމްތިހާނުތަކެއްގެ ސުވާލު ކަރުދާސްތައް ލީކުވި މައްސަލައިގައި މުޅި ގައުމުގައި ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރު އިސްތިއުފާ ދެއްވީ "ކޮކްރޯޗް"  ހަރަކާތުގެ ނަމުގައި ޒުވާނުން އިސްނަގައިގެން ފާއިތުވި ހަފުތާތަކުގައި ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކާއި، ބަނޑުހައިހޫނުކަމުގެ ހަޅުތާލުތަކަށް ފަހުގައެވެ. މިނިސްޓަރުގެ އިސްތިއުފާ އިއުލާން ކުރެއްވީ އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ. މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ 12 އަހަރަށްވުރެ ދިގު ވެރިކަމުގައި، އާންމުންގެ ފިއްތުންތަކާ ހެދި ސަރުކާރުން މިހާ ބޮޑު ދޫދިނުމެއް ދިން މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.

މި ހަރަކާތް ފެށުނީ މީގެ މަހެއްހާ ދުވަސް ކުރިން، އިންޑިއާގެ އެންމެ ބޮޑެތި އެންޓްރަންސް އިމްތިހާނުތަކުގެ ކަރުދާސްތައް ލީކުވި ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެންނެވެ. ނަމަވެސް، މި ހަރަކާތް ފަހުން ވަނީ ވަޒީފާ ނެތުމުގެ މައްސަލައާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، އިގްތިސާދީ ފުރުސަތުތަކަށް ގޮވާލާ ވަރުގަދަ ހަރަކާތަކަށް ބަދަލުވެފައެވެ.

މިނިސްޓަރު އިސްތިއުފާ ދެއްވުމާ ގުޅިގެން "ކޮކްރޯޗް" ހަރަކާތުގެ އިންތިޒާމުކުރާ ފަރާތްތަކުން ވަނީ މުޒާހަރާތައް ނިންމާލިކަން އިއުލާންކޮށްފައެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި ސަރުކާރުން ވަނީ އެމީހުންގެ ހުރިހާ ޑިމާންޑްތަކަކަށް އެއްބަސްވެފައެވެ. އޭގެ ތެރޭގައި ތައުލީމީ ނިޒާމަށް ބޮޑެތި އިސްލާހުތައް ގެނައުމާއި، އިމްތިހާނުގެ މައްސަލައިގައި އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމާއި، މުޒާހަރާގެ ބައިވެރިންނާ މެދު ގާނޫނީ ފިޔަވަޅު ނޭޅުން ހިމެނެއެވެ.

މި ހަރަކާތް ފެށި "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ތަރުޖަމާނު އަޝުތޯޝް ރަންކާ ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ހުރިހާ ފަރާތްތަކުންވެސް ސުލްހަވެރިކަމާއެކު މުޒާހަރާކުރާ ސަރަހައްދުތަކުން ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. މުޒާހަރާ ނިންމާލިކަން އިއުލާން ކުރުމާއެކު، ދިއްލީގެ މައި މުޒާހަރާ ސަރަހައްދަށް އެއްވެ ތިބި އެތައް ހާސް ބަޔަކު ވަނީ އިންޑިއާގެ ދިދަ ހިފައިގެން އުފާފާޅުކޮށްފައެވެ.

މި ހަފުތާގެ ކުރީކޮޅު ފުލުހުން ވަނީ ޕާލަމެންޓާ ދިމާލަށް މާޗު ކުރި މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ކަރުނަގޭހާއި މުގުރު ބޭނުންކޮށްފައެވެ. މީގެ ސަބަބުން ބައެއް ދަރިވަރުންނަށް އަނިޔާވެ، އާންމުންގެ ނުރުހުން ސަރުކާރަށް އިތުރަށް އަމާޒުވިއެވެ. މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން މީގެ ކުރިން ވަނީ ކަރުދާސް ލީކުވާ މައްސަލަތައް ބެލުމަށް ފާސްޓް ޓްރެކް ކޯޓުތަކެއް އުފެއްދުމާއި، އިމްތިހާނުތަކުގައި މަކަރު ހެދުން ހުއްޓުވުމަށް ހަރުކަށި ގާނޫނުތަކެއް ތައާރަފުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް، މުޒާހަރާގެ ލީޑަރުން ބުނަމުންދިޔައީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭހާ ހިނދަކު އެ ފިޔަވަޅުތަކަކީ ފުރިހަމަ ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450