Ads by Farudhun

ޚަބަރު

ދައުރު ނިމުމުގެ ކުރިން ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި ހަވާލުކުރާނެ - ރައީސް

ދައުރު ނިމުމުގެ ކުރިން ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި ހަވާލުކުރާނެ - ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ހައުންސިންގް މިނިސްޓަރު ޑރ މުއްތަލިބު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ޖުލައި 2026، 03:34

26 ޖުލައި 2026، 03:34

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން، މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއް ނިންމައި، އޭގެ ހައްގުވެރިންނާ ތަންތަން ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ. އެގޮތުން، ކުރީ ސަރުކާރުން "ކަނޑުފަޅުން" ދޫކޮށްފައިވާ ގޯތިތަކުގެ މައްސަލަ ހައްލުކޮށް، އެ ތަންތަން ހަގީގީ ބޯހިޔާވަހިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ހުރިހާ ގޯތިތަކެއް މިހާރު ވަނީ އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވިފައެވެ. މީގެ އިތުރުން، ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަނުން ގޯތި ދޫކުރުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ. ގުޅިފަޅުން ދޫކުރި ގޯތިތައް ހަވާލުކުރުމާއި، ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" ހުޅުމާލެ ފޭސް ދޭކުންދޭ ހުރިހާ ގޯއްޗެއް އެތަންތަން ލިބޭ މީހުންނާ ހަވާލުކޮށް، ހުޅުމާލެ ފޭސް ތިނަކުން ހިއްކާ ނިންމައި އެތަނުން ދޭ ގޯތިތައް ހަވާލުކުރުމަށް ތައްޔާރުވަމުން ދަނީ. ގުޅިފަޅުން ދޭ ގޯތިތައް ވެސް ހަވާލުކޮށް، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. ކުރިއަށް ދެތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ވެސް ނިމޭނެ."

ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ "ފަހި ދިރިއުޅުން" ފްލެޓް މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެ މަޝްރޫއުގެ ނިމިފައިވަނީ އެންމެ 25 އިންސައްތަ މަސައްކަތް ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެ މަސައްކަތް އަވަސްކޮށް، މިހާރު އެ ފްލެޓްތައް ނިންމައި ހައްގުވެރިންނާ ހަވާލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށްވާ "ރަސްމާލެ" އާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަހައްދުން 7،800 ފްލެޓް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މި ތަންތަނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މި އަހަރު ނިމުމުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ރައީސް ތަކުރާރު ކުރެއްވިއެވެ.

ޖަލްސާ ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އެއް ދައުރެއްގެ ތެރޭގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އަމަލީގޮތުން ނިންމައި، ރައްޔިތުން އެތަންތަނުގައި ދިރިއުޅެން ފަށާ މަންޒަރު މި ސަރުކާރުން ދައްކުވައިދޭނެ ކަމަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450