ޚަބަރު
ސަރަހައްދީ ސުލްހައަށް ރާއްޖެއިން އިސްނެގުމާއިއެކު، ބައިނަލްއަގުވާމީ މީޑިއާތަކުގެ ތައުރީފް ރާއްޖެއަށް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ކުޑަކޮށް، ހުއްޓިފައިވާ ސާކްގެ ހަރަކާތްތައް އަލުން ފެށުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވުމާ ގުޅިގެން، ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަން ރާއްޖެއަށް ހުއްޓި، ތައުރީފް އޮހެން ފަށައިފިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އޮންނަ އެންމެ މުހިންމު ޖަމާއަތް ކަމަށްވާ ސާކް، ފާއިތުވި 9 އަހަރު ވަންދެން އެއްވެސް ހަރަކާތެއް ނެތި ހުއްޓިފައި އޮތުމަކީ މި ސަރަހައްދުގެ އަމާންކަމާއި ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ. ރައީސް ވަނީ ހިޔާލު ތަފާތުވުންތައް އެއްކައިރިކޮށް، ސަރަހައްދީ މަސްލަހަތަށްޓަކައި މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އަވަށްޓެރި ގައުމުތަކަށް ގޮވާލައްވާފައެވެ.
"ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ރާއްޖެއިން ގޮވާލަނީ އެކަންކަން އެއްކައިރިކޮށް މި ސަރަހައްދުގެ ތަރައްގީއާއި ސުލްހަ މަސަލަސްކަމަށް އެކުވެރިކަން އިސްކޮށް މޭޒުދޮށަށް ވަޑައިގަންނަވާށޭ، އެކަން ކުރަން އުނދަނގޫވާނަމަ ރާއްޖެ މިއޮތީ އިސްނަގާށޭ އެ މަޝްވަރާތައް ކުރިއަށް ގެންދަން މީޑިއޭޓަރަކަށް ވާންވެސް."
ރައީސް ވިދާޅުވިއެވެ.
މި ހުށަހެޅުއްވުމާ ގުޅިގެން ބައިނަލްއަގުވާމީ ނޫސް އެޖެންސީތަކުން އަންނަނީ ރާއްޖޭގެ މި އިސްނެގުމަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ. އިންޑިއާގެ މަޝްހޫރު "އިންޑިއާ ޓުޑޭ" އިން ބުނެފައިވަނީ ރައީސް މުޢިއްޒުގެ މި ވާހަކަފުޅުން ހާމަވަނީ ސަރަހައްދީ އެއްބާރުލުން ދެމެހެއްޓުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ކަމަށެވެ. އަދި "ދަ ނިއު އިންޑިއަން އެކްސްޕްރެސް" އިން ސިފަކުރި ގޮތުގައި މިއީ ސާކް އަލުން ދިރުވުމަށް ލިބުނު އުންމީދީ މެސެޖެކެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ސާކްގެ ގައުމުތަކުގެ މެދުގައި އޮތް ވިޔަފާރީގެ ހުރަސްތައް ނައްތާލެވިއްޖެ ނަމަ، މި ސަރަހައްދުގެ ވިޔަފާރި 23 ބިލިއަން ޑޮލަރުން 67 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެއެވެ. "ކޯޕަރޭޓް މޯލްޑިވްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ ނިސްބަތަކީ އެންމެ ފަސް އިންސައްތައެވެ.
ސާކްގެ ބައްދަލުވުންތައް މެދުކެނޑުނީ 2016 ވަނަ އަހަރު ކަޝްމީރުގައި ދެވުނު ހަމަލާތަކަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގައި، ޕާކިސްތާނުގައި ބާއްވަން އޮތް ސަމިޓް އިންޑިއާ ހިމެނޭހެން ހަ ގައުމަކުން ބޮއިކޮޓް ކުރުމުންނެވެ. އެންމެ ފަހުން ސާކް ސަމިޓެއް ބާއްވާފައިވަނީ 2014 ވަނަ އަހަރު ނޭޕާލުގެ ކަތަމަންޑޫގައެވެ.
1985 ވަނަ އަހަރު އުފެއްދި ސާކް ޖަމާއަތުގައި މިހާރު އަށް ގައުމު ހިމެނެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ނޭޕާލް، ބޫޓާން، ބަންގްލާދޭޝް އަދި 2007 ވަނަ އަހަރު ގުޅުނު އަފްޣާނިސްތާނެވެ. ރައީސް މުޢިއްޒުގެ މި ހުށަހެޅުމާއެކު، ސަރަހައްދީ ސިޔާސީ މަސްރަހަށް އާ ބަދަލުތަކެއް އައިސް، ގައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިވެގެންދާނެ ކަމަށް މުހައްލިލުން އުންމީދު ކުރެއެވެ.