ކުޅިވަރު
މާޒިޔާ އާއި ނިއުގެ މެޗުން މި މަހުގެ 31ގައި ދިވެހި ފުޓުބޯޅަ ސީޒަން ފަށަނީ
މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗެއްގެ ތެރެއިން---
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗު، މި ހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހު ކުޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
ޗެރިޓީ ޝީލްޑް މެޗަކީ އާންމުގޮތެއްގައި ވޭތުވެދިޔަ ސީޒަނުގެ ދިވެހި ލީގު ޗެމްޕިއަނުންނާއި އެފްއޭ ކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މެޗެކެވެ. އެގޮތުން މިފަހަރު ބައްދަލުކުރާ މާޒިޔާއަކީ މިދިޔަ ސީޒަނުގެ ދިވެހި ލީގުގެ ޗެމްޕިއަނުންނެވެ. އަދި ނިއު ރޭޑިއަންޓަކީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކުރި ޓީމެވެ.
މިއީ 10 އަހަރުގެ މެދުކެނޑުމަކަށްފަހު ނިއު ރޭޑިއަންޓުން ސީޒަން ހުޅުވާ މެޗުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ޗެރިޓީ ޝީލްޑް މެޗެއްގައި ކުޅުނީ 2016 ވަނަ އަހަރެވެ. އެ ފަހަރު މާޒިޔާއާ ބައްދަލުކޮށް ނިއު ރޭޑިއަންޓް ވަނީ ބަލިވެފައެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓުން ދަނީ ޓީމު ވަރުގަދަކުރަމުންނެވެ. އެގޮތުން ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ އާއި، ބުރު ސްޕޯޓްސް ކްލަބަށް ކުޅުނު މުހައްމަދު ނާއިމްގެ އިތުރުން، ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސްއަށް ކުރިން ކުޅުނު ބްރެޒިލްގެ ވަރުގަދަ ފޯވާޑް ޑޮރިއެލްޓަންގެ ސޮއި އެ ކްލަބުން ވަނީ ހޯދާފައެވެ. މި ސީޒަނުގައިވެސް ނިއުއަށް އިރުޝާދުދޭނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް އެ ޓީމަށް ކާމިޔާބުކޮށްދިން ސްޕެއިންގެ ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) އެވެ.
އަނެއްކޮޅުން، ޗެރިޓީ ޝީލްޑްގެ އެންމެ ކާމިޔާބު ޓީމަކީ މާޒިޔާއެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރު ހަވަނަ ފަހަރަށް މި ޝީލްޑް އުފުލާލައިފައެވެ. މާޒިޔާ އިން ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޝީލްޑް ކާމިޔާބުކޮށް ރެކޯޑް ގާއިމުކޮށްފައެވެ. މާޒިޔާގެ އާ ކޯޗު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޓީމާ ގުޅޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ފުޓްބޯޅަ ސީޒަން މި މަހު ފެށި ނަމަވެސް، ދިވެހި ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. ލީގުގެ ކުރިން ކަޕް ވިނާސް ކަޕް ކުޅުމަށް އެފްއޭއެމް އިން ވަނީ ނިންމާފައެވެ. މީގެ އިތުރުން، އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖް ލީގު ކޮލިފައިންގައި މާޒިޔާ ވާދަކުރާނެއެވެ.