ކުޅިވަރު
އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީއިން ހޯދައިފި
ކްލަބް އެޗްޑީސީ ތަށި އުފުލާލުން / ފޮޓޯ: ކްލަބް މޯލްޑިވްސް
ހުޅުމާލޭ ރެހެންދި ފުޓްސަލް ގްރައުންޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް (ސްޓެލްކޯ އާރުސީ) 4-2 އިން ބަލިކޮށް، ކްލަބް މޯލްޑިވްސްގެ "އެއިޓީން ތާރޓީ ކްލެސިކް 2026" ގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީއިން ހޯދައިފިއެވެ. މިއީ މި މުބާރާތުގައި ކްލަބް އެޗްޑީސީއިން ވާދަކުރި ފުރަތަމަ ފަހަރެވެ.
މުޅި މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި އެޗްޑީސީއަކީ މެޗުގެ ކުރިން ފޭވަރިޓުންނެވެ. ނަމަވެސް، ސްޓެލްކޯއިން ވަނީ ފައިނަލް މެޗުގައި ހީކުރި ވަރަށްވުރެ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެޗްޑީސީ ފައިނަލަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ސްޓެލްކޯ 4-1 އިން ބަލިކޮށް ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ސްޓެލްކޯ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކްލަބް 3-0 އިން ބަލިކުރުމަށްފަހުއެވެ.
ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އެޗްޑީސީއިންނެވެ. މި ލަނޑު ފިރުޝާނާ ނަސީރު ކާމިޔާބުކުރީ ކޯނަރަކުން ލިބުނު ފުރުސަތެއްގައެވެ. ނަމަވެސް، މި ލަނޑު ޖެހިތާ މިނެޓެއްވެސް ނުވަނީސް، ސްޓެލްކޯގެ ޝަހުލާ ތައުފީގު ވަނީ ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ނަތީޖާ އެއްވަރުކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޗްޑީސީއަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީ ކެޕްޓަން ފާތިމަތު ސާލިޔާއެވެ. އޭނާ ވަނީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ވަރަށް ރީތިކޮށް ބޯޅަ ގޯލަށް ފޮނުވާލާފައެވެ. ދެވަނަ ހާފުގައިވެސް ސާލިޔާ ވަނީ އިތުރު ލަނޑެއް ޖަހައި އެޗްޑީސީގެ ލީޑު ފުޅާކޮށްދީފައެވެ.
ސްޓެލްކޯއިން އުންމީދު ކަނޑާނުލައި ކުރި މަސައްކަތުން، ލިބުނު ހިލޭ ޖެހުމަކުން ޝަހުލާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ. ސްޓެލްކޯއިން ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެޗްޑީސީއަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިނީ ފިރުޝާނާއެވެ. އޭނާ މި ލަނޑު ޖެހީ ސްޓެލްކޯގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހުއެވެ.
މުޅި މުބާރާތުގައި އެޗްޑީސީގެ ސާލިޔާ އަދި ފިރުޝާނާ ވަނީ އެ ޓީމު ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖަހާފައެވެ.
މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތައް:
- ކްލެސިކް ކުއީން: ފާތިމަތު ސާލިޔާ (ކްލަބް އެޗްޑީސީ)
- އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ: ފާތިމަތު ސާލިޔާ (10 ލަނޑު)
- މާސްޓަރ އޮފް އެއިޓީން ތާރޓީ ކްލެސިކް 2026: ފަރުހާދު އިސްމާޢީލް (ކްލަބް އެޗްޑީސީ)
- އުންމީދީ ކުޅުންތެރިޔާ: ޢާއިޝަތު މަރީޝާ (މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް)
- ފެއަރ ޕްލޭ ކުޅުންތެރިޔާ: ފާތިމަތު އިނާޝާ އާދަމް (ޕްރިޒަން ކްލަބް)
- ފެއަރ ޕްލޭ ޓީމު: ޕްރިޒަން ކްލަބް
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:
- ފާތިމަތު ސާލިޔާ (ކްލަބް އެޗްޑީސީ)
- އާމިނަތު ރިސާލާ (ކްލަބް އެޗްޑީސީ)
- ފިރުޝާނާ ނަސީރު (ކްލަބް އެޗްޑީސީ)
- ޝަހުލާ ތައުފީގު (ސްޓެލްކޯ އާރުސީ)
- މަރިޔަމް ޒާނާ ޒަމީރު (ސްޓެލްކޯ އާރުސީ)