ޚަބަރު
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރީ މި ސަރުކާރުން ފައިސާ ހަމަޖައްސައިގެން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ މި ސަރުކާރުން ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދިޔަ މަޝްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީކޮށް ހުޅުވި ސަރަޙައްދުގެ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެކި މަރުހަލާތަކަށް ބަހާލައިގެން ތަރައްޤީ ކުރަމުންދާ ބޮޑުތަކުރުފާނު މަގުގެ ބާކީ އޮތް ބައި ނިންމުމުގެ މަސައްކަތް ބާރުގަދަ މިނެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާންއާ ހަމައަށް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަސައްކަތް ނިމުމުން ކޮޅަކަށް ދެ ލޭން އޮންނަ ގޮތަށް ހަތަރު ލޭނުގެ މަގެއް އޮންނާނެ ކަމަށާއި، މީގެ ސަބަބުން މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. "މަގުހެދުމަކީ ތަރައްޤީ ހާސިލްކުރުމުގައި ވަރަށް މުހިއްމު ބައެއް. ދަތުރުފަތުރުގެ ނިޒާމްއަކީ އެންމެ ފުރަތަމަ ކުރެވޭ އެއްކަންތައް. ތަރައްޤީގެ މަގަކީ މަގު ހެދުންކަމަށްވެސް ވެދާނެ. އެހެންވެ މި ބަލަނީ މާލޭގަވެސް އަދި ރަށްރަށުގައިވެސް ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް،" ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މިލްކުވެރިކަމާ މެދު ސިޔާސީ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، މިއީ ސީދާ މި ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމައި، ފައިސާ ހަމަޖައްސައިގެން ހިންގި މަޝްރޫޢެއް ކަމަށެވެ. އަދި މިފަދަ ކަންކަމުން ސިޔާސީ މަންފާ ހޯދުމަށްވުރެ، ރައްޔިތުންނަށް ލިބޭ ފައިދާ އިސްކޮށް، ޚިދުމަތް ބަލައިގަތުމަކީ މުހިއްމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަގުގެ ރީތިކަމާއި ފެހިކަން އިތުރުކުރުމަށް ރުއްޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ލޯންޗްތައް ލަފާ ފުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުދި ޖެޓީތަކެއް ތަރައްޤީކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާރު ނިންމާލާފައިވާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށްވާ ސަރަޙައްދަކީ، ފަޅުތެރެއިން ބައެއް ހިއްކައިގެން 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކޮށްފައިވާ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި ދުވާރާއި ފެންހިންދާ ނިޒާމުގެ އިތުރުން، 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްވެސް ވަނީ ގާއިމުކޮށްފައެވެ.