Ads by Farudhun

ޚަބަރު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވާއިރު މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ޚިދުމަތްތައް ލިބޭނެ: ރައީސް މުޢިއްޒު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވާއިރު މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ޚިދުމަތްތައް ލިބޭނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2026، 09:53

29 ޖުލައި 2026، 09:53

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ބައެއް މުހިންމު ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭ ގޮތަށް ކަންކަން އިންތިޒާމުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު އައު މަރުޙަލާއަކަށް ގެންދިއުމަށްޓަކައި އެޅޭ އެންމެ މުހިންމު ފިޔަވަޅުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މި މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

ބަނދަރު ބަދަލުކުރުމުގެ މަސައްކަތާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި އޮޕަރޭޝަން އެއްކޮށް ތިލަފުއްޓަށް ބަދަލުނުވާނެ ކަމަށެވެ. އެގޮތުން އޮޕަރޭޝަންގެ ގާތްގަނޑަކަށް 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވި ނަމަވެސް، ބާކީ ހުރި މަސައްކަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ޤާއިމްކުރެވޭނެއެވެ. މިކަން އިންތިޒާމު ކުރަނީ ތިލަމާލެ ބްރިޖު މާލެއާ ގުޅޭ ސަރަހައްދާއި ޓީޖެޓީއާ ގުޅުވައިގެންނެވެ.

މާލޭ ޕޯޓުގައި މިހިނގާ ބައެއް ކަންކަމަކީ އިންޑަސްޓްރިއަލް ވިލެޖުގައި، ޓީޖެޓީއާއި މި ސަރަހައްދުގައި ޕްލޭން ކުރެވިގެން ހަމަޖެހިގެންދާނެ. އެހެންވީމަ މާލޭގެ އެފަރާތުން ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ،

      ރައީސް 

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވިޔަފާރި ބަނދަރު ބަދަލުވުމުން މިހާރު ބަނދަރު ހުރި ސަރަހައްދުން އެއްވެސް ޚިދުމަތެއް ނުދޭނެ ކަމަށާއި، ހުރިހާ މަސައްކަތެއް ބަދަލުވާނީ ތިލަފުއްޓާއި އިންޑަސްޓްރިއަލް ވިލެޖަށް ކަމަށެވެ. އަދި ބްރިޖް ބޭނުންކުރަން ނުފެށުނު ކަމުގައިވިޔަސް، ރޯރޯ ފެރީގެ ޚިދުމަތާއެކު ޕޯޓު އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކަށް މި ސަރަހައްދުތަކުން ޖާގަ ދޫކޮށް، ލުއިފަސޭހަތައް ފޯރުކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

މި އައު ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާއެކު އޮޓޮމޭޓް ކުރެވިގެން ކަމަށްވުމުން، މުދާ ބޭލުމާއި ބަރުކުރުމުގެ ފަސޭހަވެ، ތަކެތީގެ އަގު ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިލަފުށީގައި ތަރައްޤީކުރާ މި ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ 10 ގުނަ ބޮޑު ސަރަހައްދެކެވެ. މި މަޝްރޫޢުގެ ދަށުން މަގަތުފާލަން ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ތިލަފުށީގައި ހަދާ މަގަތުފާލަން މިހާރުގެ ފާލަމަށްވުރެ ތިން ގުނަ ދިގުވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450