ޚަބަރު
މިނިވަން ދުވަހު ދެއްކި ވާހަކައަކީ ގައުމުގެ ހެވާލާބައަށް ހެޔޮ ނިޔަތުގައި ދެއްކި ވާހަކައެއް: ރައީސް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ގައުމުގެ ހެވާ ލާބައަށާއި، ގައުމުގެ ކަންކަން އިސްލާހު ކުރުމަށް އިހުލާސްތެރިކަމާއި ހެޔޮ ނިޔަތުގައި ދެއްކެވި ވާހަކަފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްގެ "ނޭޝަނަލް ޗެޓް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެ ޖަލްސާގައި ކަންކަމުގެ ހަގީގަތް ބަޔާން ކުރުމުން، އެކަންކަން ނިސްބަތްވާ ބައެއް ފަރާތްތަކަށް އެކަން ގަބޫލުކުރުމުގެ ދަތިކަމެއް އުޅޭ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވާހަކަދެއްކެވީ ހަގީގަތަށް ކަމަށާއި، ގައުމުގެ ކަންކަމުގައި އަބަދުވެސް އިސްކުރައްވަނީ އިހުލާސްތެރިކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިނިވަން ދުވަހުގެ ޖަލްސާގައި ދައްކާފައި އެވަނީ ގައުމީ ވާހަކަ. އިހުލާސްތެރިކަމާއެކު ގައުމުގެ ހާލަތު ބަޔާން ކުރީ އެއްވެސް ބަޔަކު ވިކްޓިމައިޒް ކުރާކަށްނޫން،"
ރައީސް ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ސްޕީޗްގައި ދެއްވި މެސެޖަކީ މިނިވަންކަމަކީ ވަށާޖެހޭ ކަމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހަމައެކަނި ސިޔާސީ ގޮތުން ލިބޭ މިނިވަންކަމަކުން އެ މިނިވަންކަން އިހުސާސް ނުވާނެ ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި، ދިވެހިންގެ މިނިވަންކަން ދިވެހީންގެ ރާއްޖޭގެ ގޮތުގައި ފޯރުކޮށްދިނުން ކަމަށާއި، އެ ޖަލްސާގައި ބަޔާންކުރެއްވީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި މިހާރު އިސްލާހުކުރާ ގޮތުގެ ޕްލޭން ކަމަށްވެސް ވިދާޅުވިއެވެ.
ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުތަކުގައި ގެންގުޅުނީ "ގޮނޑިކޮއްކޮ" ޚާރިޖީ ސިޔާސަތެއް ކަމަށެވެ. އަދި އެ ސަރުކާރުތަކުން އިސްރާއީލާ ގާތް ގުޅުމެއް ބާއްވައި، އަރަބި މުސްލިމް ގައުމުތަކާ ދުރުވެ، ވަކި ގައުމުތަކެއް އިސްކުރާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ޕޮލިސީގެ ދަށުން، އިސްރާއީލު ފިޔަވައި ހުރިހާ ގައުމުތަކާވެސް ގާތް ގުޅުން ބާއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު މިއޮތް ވަރުގެ މިނިވަންކަމެއް ދުވަހަކުވެސް ނެތް ކަމަށެވެ.
"މި ސަރުކާރު އައި ފަހުން ސިޔާސީ ގޮތުން ކުރަން ބޭނުންވާ މަސައްކަތަކަށް ހުރަސް އެޅޭ ވާހަކައެއް އެއްވެސް ބޭފުޅަކަށް ނުދެއްކޭނެ. ސިޔާސީ ވެރިން ޖަލަކަށް ނުލަން،" ކުޑަމިނުން ސިޔާސީ ބޭނުމަކަށް ސުވާލެއްވެސް ކޮށްލާފައިނުވާނެ."
ރައީސް ވިދާޅުވިއެވެ.
ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށް، ނުވަތަ ސުވާލެއްވެސް ކޮށްފައި ނުވާނެ ކަމަށާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތައްވެސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތަކަށް ދެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.