ޚަބަރު
ޕޯޓުގެ 80 އިންސައްތަ ތިލަފުއްޓަށް، ބާކީބައި އިންޑަސްޓްރިއަލް ވިލެޖަށް: މާލޭގެ އެތެރެއަށް ދަތިނުވާނެހެން އޮޕަރޭޝަން ބަދަލުކުރަނީ
ރައީސުލްޖުމުހޫރިއްޔާ ޑރ ޟުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ޕޯޓް އޮޕަރޭޝަންތަކުގެ 80 އިންސައްތަ މަސައްކަތް ތިލަފުށީގައި ކުރިއަށްދާނެ ކަމަށާއި، ބާކީ ބައި މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުޅި އޮޕަރޭޝަން އެއްކޮށް ތިލަފުއްޓަށް ބަދަލުނުކުރި ނަމަވެސް، މަސައްކަތުގެ ބޮޑުބައި އެ ރަށަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި މިހާރު ތިލަމާލެ ބްރިޖު މާލެއާ ގުޅޭ ސަރަހައްދުގައި އޮތް އިންޑަސްޓްރިއަލް ވިލެޖުގެ އެއްބައި، ޓީޖެޓީއާ ގުޅުވާލައިގެން ޕޯޓުގެ ބައެއް ހިދުމަތްތަކަށް ހާއްސަކުރެވޭނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާއެކު ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަން ކުރިއަށްދާނީ މާލޭގެ އެތެރޭގެ މަގުތަކަށް އެއްވެސް ދަތިކަމެއް ނުވާނެ ގޮތަކަށެވެ. މީގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށިން އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް، ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
"ތިލަފުއްޓަށް މި ބަދަލުވަނީ މުޅި އޮޕަރޭޝަންގެ ބޮޑުބައި. ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ބަދަލުވާނެ. ދެން މާލެ ކޮޅު ބްރިޖް ގޮސް ނިމެނީ އިންޑަސްޓްރިއަލް ވިލެޖަށް. ދެން އިންޑަސްޓްރިއަލް ވިލެޖުގެ އެއް ބައި މިކަނޑައަޅަނީ ޕޯޓުގެ ދެން ހުރި މަސައްކަތްތަކަށް،"
ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އާ ބަނދަރު ބޭނުންކުރަން ފެށުމަށް އަމާޒު ހިފާފައިވާއިރު، މި މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށެވެ. މި ބަދަލާއެކު މިހާރު މާލޭގެ ވިޔަފާރި ބަނދަރު ހުރި ސަރަހައްދުން އެއްވެސް ހިދުމަތެއް ނުދޭނެއެވެ. އޭގެ ބަދަލުގައި ހުރިހާ މުއާމަލާތްތަކެއް ހިނގާނީ ތިލަފުއްޓާއި އިންޑަސްޓްރިއަލް ވިލެޖުގައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ބަދަލާއެކު މުޅި އޮޕަރޭޝަން ޑިޖިޓަލައިޒް ކުރެވި، އޮޓޮމޭޝަންގެ އެހީގައި މަސައްކަތުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް ނުނިމުނު ކަމުގައިވިޔަސް، ރޯރޯ ފެރީގެ ހިދުމަތާއެކު ޕޯޓު އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެއެވެ.
ޗައިނާ ހާބާ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ 10 ގުނަ ބޮޑު ސަރަހައްދެކެވެ. މިކަމުގެ ސަބަބުން މުދާ ބޭލުމާއި ބަރުކުރުމަށް އޮތް ޖާގައިގެ ދަތިކަން ހައްލުވެ، ތަކެތީގެ އަގު ހެޔޮވުމަށް މަގުފަހިވެ، ރާއްޖޭގެ އިގްތިސާދު އައު މަރުހަލާއަކަށް ގެންދިއުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.