ކުޅިވަރު

އާޖެންޓީނާ ފުޓުބޯޅަ ޓީމުގެ މައްސަލަ ފީފާއިން ބަލަން ފަށައިފި

އާޖެންޓީނާ ފުޓުބޯޅަ ޓީމުގެ މައްސަލަ ފީފާއިން ބަލަން ފަށައިފި

ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ޖުލައި 2026، 09:15

30 ޖުލައި 2026، 09:15

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު އާއި މުޅި މުބާރާތުގެ ތެރޭގައި އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުން އަމަލުކުރި ގޮތާ ގުޅިގެން، އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނާ ދެކޮޅަށް ފީފާއިން އަދަބީ ފިޔަވަޅު އެޅުމުގެ މަރުހަލާ ފަށައިފިއެވެ.

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް ފައިނަލް މެޗު 1-0 އިން ސްޕެއިން މޮޅުވުމާއެކު، އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ސްޕެއިންގެ ކުޅުންތެރިންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުންތައް ތަހުގީގު ކުރުމަށް ފީފާއިން ވަނީ ހާއްސަ ޕްރޮސެކިއުޓަރަކު އައްޔަންކޮށްފައެވެ.

މި ތަހުގީގުގެ ތެރެއިން، ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 14 ވަނަ މާއްދާއާ ޚިލާފަށް މާރާމާރީހިންގި ކަމުގެ ތުހުމަތުގައި އާޖެންޓީނާގެ ނަހުއަލް މޮލީނާ، ލިއަންޑްރޯ ޕަރޭޑޭސް އަދި އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާއާ މެދު ފިޔަވަޅު އެޅުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ކުޅިވަރުގެ ރޫހާ ޚިލާފު އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި މޮލީނާ އާއި ތިއާގޯ އަލްމާޑާގެ އިތުރުން ސްޕެއިންގެ މިޑްފީލްޑަރު ގަވީގެ މައްސަލަވެސް ފީފާއިން އަންނަނީ ބަލަމުންނެވެ.

ފީފާގެ ގަވާއިދު ބުނާގޮތުން، ކުޅިވަރުގެ ރޫހާ ޚިލާފު އަމަލެއް ހިންގައިފިނަމަ މަދުވެގެން އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ. އަދި މާރާމާރީ ފަދަ ކަންކަމަށް މަދުވެގެން ތިން މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ.

އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަނާ ދެކޮޅަށް ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި، ކުޅިވަރާ ނުގުޅޭ ކަންކަން އިޝްތިހާރު ކުރުމާއި، ބޭއަދަބީ ކަންކަމާއި، ނަސްލީ ތަފާތުކުރުމާއި، މެޗުތަކުގެ ސަލާމަތީ ކަންކަމާ ޚިލާފުވުން ހިމެނެއެވެ. މީގެ ތެރޭގައި ސަޕޯޓަރުން އެއްޗެހި އުކުމާއި، ތަފާތުކުރުން އެކުލެވޭ ލަވަތައް ކިޔުމާއި، މެޗުތައް ފެށުން ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން، ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކުރުމަށްފަހު، ފޯކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ ތަނެއްކަމަށް ބުނެ "ލަސް މަލްވީނަސް ސޮން އާޖެންޓީނާސް" ލިޔެފައިވާ ބެނާއެއް ބޭނުންކޮށްގެން އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރި މައްސަލަވެސް ފީފާއިން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450