ކުޅިވަރު
ތިމަރަފުއްޓަށް އޮތް އެންމެ ފަހު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން ދެވަނަ ބުރުގެ ޖާގަ ހޯދައިފި
ތިމަރަފުށިން ވަނީ މިއަދުގެ މޭޗު ކާމިޔާބުކޯށްފައި. ފޮޓޯ: އަދަދު
ހުލާސާ
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ތިމަރަފުށިން ތުޅާދޫ ބަލިކުރުމަށްފަހު، އެ ޓީމަށް ލިބިފައި އޮތް އެންމެ ފަހު ފުރުސަތުގެ ބޭނުންހިފައި މުބާރާތުގެ ގްރޫޕް ފޭސް-2 އިން ޖާގަ ހޯދައިފި.
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ތިމަރަފުށިން ތުޅާދޫ ބަލިކުރުމަށްފަހު، އެ ޓީމަށް ލިބިފައި އޮތް އެންމެ ފަހު ފުރުސަތުގެ ބޭނުންހިފައި މުބާރާތުގެ ގްރޫޕް ފޭސް-2 އިން ޖާގަ ހޯދައިފިއެވެ. ތުޅާދޫގެ މައްޗަށް ތިމަރަފުށިން ކުރިހޯދާފައިވަނީ 4-2 އިންނެވެ.
މި މެޗަށް ނިކުތް އިރު ތިމަރަފުއްޓާއި ތުޅާދޫ ވެސް އޮތީ ކުޅުނު ދެ މެޗުން އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. އެހެނަކަމުން ދެ ޓީމުން ވެސް ނިކުތީ ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ އަޒުމުގައެވެ.
ގްރޫޕް-ބީގެ މި މެޗުގައި ފުރަތަމަ ގޯލު ކާމިޔާބު ކުރީ ތިމަރަފުށިންނެވެ. އެ ޓީމަށް މި ގޯލު ކާމިޔާބުކޮށްދީފައި ވަނީ ފުރަތަމަ ޑިވިޝަނުގައި ކްލަބް އީގަލްސް އަށް ކުޅެފައިވާ އަބްދުﷲ ޒިޔާނެވެ.
އެ ޓީމުން ލީޑު ފުޅާކުރީ މެޗުގެ 61 ވަނަ މިނިޓްގައި އިބްރާހިމް ސިނާހު ކާމިޔާބު ކުރި ގޯލަކުންނެވެ. އަދި އޭގެ 6 މިނެޓު ފަހުން އެ ޓީމުން އިތުރު ގޯލެއްޖަހައި، ލީޑު 3 ގޯލަށް ފުޅާކުރިއެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އާދަމް ނާސިހުއެވެ.
ތިމަރަފުށީގެ ލީޑު 3 ގޯލަށް އިތުރުކުރިތާ 2 މިނެޓުފަހުން ތުޅާދޫއިން ގޯލެއް ކާމިޔާބު ކުރިއެވެ. މި ގޯލު ކާމިޔާބުކުރީ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަށް އަދި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދެވެ.
މެޗުގެ އިތުރު ވަގުތުގައި ގޯލެއް ޖަހައި ތުޅާދޫއިން ތިމަރަފުށީގެ ލީޑު ހަނިކުރިއެވެ. އެއީ ތުޅާދޫއަށް ލިބުނު ކޯނަރެއްގައި ތިމަރަފުށީގެ ޑިފެންޑަރު، އަނޫފް އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އަދި މެޗު ނިމުމުގެ ކުރިން ތިމަރަފުށިން ވަނީ އަނެއްކާ ވެސް އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ.
ތިމަރަފުށިން މެޗު ކާމިޔާބު ކުރުމާ ގުޅިގެން، އެ ޓީމަށް ވަނީ ގްރޫޕްގެ 3 ވަނަ ލިބިފައެވެ. ތިމަރަފުއްޓާއެކު ދެން އެ ގްރޫޕުން ފޭސް-2 އަށް ދަތުރުކުރީ، 1 ވަނައިގައި އޮތް އޭދަފުއްޓާއި، ދެވަނަގައި އޮތް މާލޭ ސިޓީގެ ޓީމެވެ.