ކުޅިވަރު

ފީފާގެ ރައީސްގެ އެޑްވައިޒަރު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި

ފީފާގެ ރައީސްގެ އެޑްވައިޒަރު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި

ފީފާގެ ރައީސްގެ އެޑްވައިޒަރަކަށް ހުރި ކާލޯސް ކޮޑޭރޯ / ފޮޓޯ: އޭޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޖުލައި 2026، 07:02

31 ޖުލައި 2026، 07:02

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޮޑޭރޯ، ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ދެކޮޅު ހެއްދެވުމުގެ ގޮތުން ހުކުރު ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޭންކިންގް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އަދި އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ނައިބު ރައީސް ކޮޑޭރޯއަކީ ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އިންފަންޓީނޯ އަމިއްލައަށް ހޮއްވެވި ބޭފުޅެކެވެ. އޭނާ މަގާމުން ވަކިވީ ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމަކީ ފުޓްބޯޅައަށް ލިބޭނެ ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.

ފީފާއިން ހުށަހަޅާފައިވަނީ 20 ބިލިއަން ޑޮލަރުގެ "ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ ނަމުގައި ސަބްސިޑަރީއެއް އުފައްދައި، ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށެވެ. އަދި މީގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކުމަށް ވަނީ ރާވާފައެވެ.

މިކަމާ ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ކޮޑޭރޯ ވިދާޅުވީ، މި ހުށަހެޅުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، މިއީ ފީފާގެ މެންބަރު ގައުމުތަކަށާއި ފުޓްބޯޅައިގެ މުސްތަގުބަލަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

ފީފާގެ ރިޒާވްގައި ބިލިއަނުން ފައިސާ ހުރިއިރު، އަދި އެއްވެސް ދަރަންޏެއް ނެތް އިރު، ފީފާގެ އެންމެ އަގުބޮޑު މިލްކިއްޔާތުގެ ބައެއް 4.2 ބިލިއަން ޑޮލަރަށް ވިއްކާލަން އުޅޭ ސަބަބާ މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 2022 އާއި 2026 އާ ދެމެދު 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ފީފާގެ ރައީސް އަމިއްލަފުޅަށް ވިދާޅުވެފައިވާތީ، މެންބަރު ގައުމުތަކަށް އެހީތެރިވުމުގެ މާލީ ގާބިލުކަން ފީފާގައި މިހާރުވެސް އެބަހުއްޓެވެ.

މި ހޫނު ބަހުސް ފެންމަތިވެފައި މިވަނީ، އަންނަ ސެޕްޓެމްބަރު 19 ގެ ކުރިން މި ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ފީފާގެ 211 މެންބަރު ގައުމުތަކަށް މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮޑޭރޯއަކީ 2021 ވަނަ އަހަރު މި މަގާމަށް އައްޔަންކުރެވުނު ބޭފުޅެކެވެ. އޭރު އިންފަންޓީނޯ ވިދާޅުވެފައިވަނީ ކޮޑޭރޯއަކީ ފުޓްބޯޅަ ޒަމާނީކޮށް، މުޅި ދުނިޔޭގައި ކުޅިވަރު ކުރިއެރުވުމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ. ނަމަވެސް މިހާރު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއެކު އޭނާ މިވަނީ ކުއްލި ގޮތަކަށް ފީފާއާ ވަކިވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450