ކުޅިވަރު

ޗެލްސީ ޖޫރިމަނާކޮށްފި، ނަމަވެސް ޕޮއިންޓް އުނިކުރުމުގެ އަދަބުން ސަލާމަތްވެއްޖެ

ޗެލްސީ ޖޫރިމަނާކޮށްފި، ނަމަވެސް ޕޮއިންޓް އުނިކުރުމުގެ އަދަބުން ސަލާމަތްވެއްޖެ

މިދިޔަ ސީޒަންގައި ޗެލްސީ ލީގު ނިންމާލީ ދިހަވަނައިގައި / ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޖުލައި 2026، 08:13

31 ޖުލައި 2026، 08:13

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީން އޭޖެންޓުންނަށް ފައިސާ ދެއްކުމުގައި ގަވާއިދުތަކާ ހިލާފުވެފައިވާތީ، އެ ކްލަބް 10 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފިއެވެ. ނަމަވެސް، އިސްތިއުނާފު މަރުހަލާއަށްފަހު އެ ކްލަބުގެ ޕޮއިންޓް އުނިކުރުމަށް ކުރިން ނިންމި ނިންމުން ވަނީ ބާތިލުކޮށްފައެވެ.

މި މައްސަލައަކީ 2009 އަކުން 2022 އާ ދެމެދު، ކުރީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ ދައުރުގައި ހިނގާފައިވާ ކަންތައްތަކެކެވެ. މި މައްސަލަ ފެންމަތިވީ 2022 ވަނަ އަހަރު ޓޮޑް ބޯލީ އަދި ކްލިއާލޭކް ކެޕިޓަލްއިން ކްލަބް ގަތުމަށްފަހު، އަމިއްލައަށް އިސްނަގައިގެން ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) އަށް އެ ކްލަބު ގަވާއިދާ ހިލާފުވެފައިވާ 74 މައްސަލައެއް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ޗެލްސީން ވަނީ 2011 އާއި 2018 އާ ދެމެދު ރަޖިސްޓްރީނުކުރާ އޭޖެންޓުންނާއި ތިންވަނަ ފަރާތްތަކަށް ސިއްރިއްޔާތުގައި 47 މިލިއަން ޕައުންޑް ދައްކާފައިވާކަމަށް އިއުތިރާފުވެފައެވެ. މި މައްސަލައިގައި ކްލަބް ޖޫރިމަނާކުރުމުގެ އިތުރުން، ދެ ޓްރާންސްފާ ވިންޑޯއަށް ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ސަސްޕެންޑަޑް ބޭނެއް ވެސް ވަނީ ދީފައެވެ.

ކުރިން މި މައްސަލައިގައި ޗެލްސީގެ 6 ޕޮއިންޓް އުނިކުރުމަށް ނިންމާފައި އޮތް ނަމަވެސް، އެފްއޭ އިން އެދިފައި ނުވާތީއާއި ޕްރިމިއާ ލީގުންވެސް އެފަދަ އަދަބެއް ދީފައި ނުވާތީ، އިސްތިއުނާފު ކޮމިޝަނުން ވަނީ އެ އަދަބު އުނިކޮށްފައެވެ. ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 10 މިލިއަން ޕައުންޑް ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ގްރާސްރޫޓް ފުޓްބޯޅަ ކުރިއެރުވުމަށެވެ.

އެފްއޭ އިން ބުނި ގޮތުގައި، ޗެލްސީން އަމިއްލައަށް މިކަންކަން ރިޕޯޓް ނުކުރިނަމަ، މި އޮޅުވާލުންތައް ހޯދުމަކީ ވަރަށް ނާދިރު ކަމެކެވެ. ކްލަބުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުން، ކުރިން ކަނޑައެޅި 26 މިލިއަން ޕައުންޑްގެ ޖޫރިމަނާ ވަނީ 10 މިލިއަނަށް ކުޑަކޮށްދީފައެވެ.

މި ނިންމުމާ ގުޅިގެން ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއާއެކު ކްލަބާ ދެކޮޅަށް ހުރި ހުރިހާ ރެގިއުލޭޓަރީ މައްސަލަތަކެއް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މި މަރުހަލާގައި އެފްއޭ، ޕްރިމިއާ ލީގު އަދި ޔުއެފާ އިން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

މީގެ އިތުރުން، އެކަޑަމީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ގަވާއިދާ ހިލާފުވި މައްސަލައެއްގައި މިއަހަރުގެ މާޗް މަހު ވެސް ޗެލްސީ ވަނީ 750,000 ޕައުންޑުން ޖޫރިމަނާކޮށް، 9 މަސް ދުވަހުގެ އެކަޑަމީ ޓްރާންސްފާ ބޭނެއް ދީފައެވެ. އެފްއޭ އިން ބުނީ މި މައްސަލައާ ގުޅުންހުރި ވަކިވަކި ފަރުދުންގެ މައްސަލަތައް އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450