Ads by Farudhun

ޚަބަރު

ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދުމުގައި އުންމީދީ ނަތީޖާއެއް ނެރެވޭނެ: ރައީސް

ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދުމުގައި އުންމީދީ ނަތީޖާއެއް ނެރެވޭނެ: ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

31 ޖުލައި 2026، 10:38

31 ޖުލައި 2026، 10:38

ދައުލަތުން ގެއްލިފައިވާ މުދަލާއި ރައްޔިތުންގެ ފައިސާ އަނބުރާ ހޯދުމަށް ކުރާ މަސައްކަތްތަކުން ކާމިޔާބީ ފެންނާނެ ކަމަށާއި، އެސެޓް ރިކަވަރީގެ ދާއިރާއިން ނަތީޖާ ނެރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ގެއްލިފައިވާ މުދަލުގެ ތެރެއިން ވީހާވެސް ބޮޑު މިންވަރެއް، ނުވަތަ ގާތްގަނޑަކަށް ހުރިހާ އެއްޗެއް ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މި އަމާޒަށް ވާޞިލްވުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެއް ގަލަކަށް އަރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މުދާ ހޯދުމަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށްޓަކައި "އެސެޓް ރިކަވަރީ ބިލް" އެކުލަވައިލުމުގެ މަސައްކަތް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މި ބިލާއެކު ޖިނާއީ އިޖުރާތުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، ޤާނޫނީ ބާރުވެރިކަން އިތުރުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން އަޅުގަނޑު މި ދެންނެވީ މިސާލަކަށް، އެސެޓް ރިކަވަރީ ބިލެއް އަޅުގަނޑުމެން ހުށަހަޅާނަމޭ. އެކަމުގެ މަސައްކަތް ގާތްގަނޑަކަށް އެވަނީ ނިމިފައި. ދެން އެ ބިލު ޤާނޫނަކަށްވެގެން އަންނައިރުގައި، އެ ޤާނޫނު ތަންފީޒު ކުރުމުގެ ބޭނުމުގައި އެބަޖެހޭ ބައެއް އެހެން ޤާނޫނުތަކަށް އިޞްލާޙު ގެންނަން. ޚާއްޞަކޮށް، ޖިނާއީ އިޖުރާތްތަކުގެ ޤާނޫނު. އެހެންވީމާ، މިހެންހުރި ލީގަލް، ޤާނޫނީ ބައެއް ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ. އެއާއެކީގައި އެ މުއައްސަސާތައް އިތުރަށް ވަރުގަދަވުން. އެހެންނޫންތޯ. ޚާއްޞަކޮށް، އޭ.ސީ.ސީ.އާއި ދެން ޝަރުޢީ ދާއިރާއާ، މި ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުގައި ދައުލަތުގެ މުދާ، ރައްޔިތުންގެ ފައިސާ، ރައްޔިތުންގެ މުދާ ގެއްލިފައިވާ ގެއްލުން. އޭގެތެރެއިން ވީހާވެސް ބޮޑު އެއްޗެއް، ނޫނީ ގާތްގަނޑަކަށް ހުރިހާ މުދަލެއް ހޯދުމުގައި ނަތީޖާ ނެރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންނަމަވެސް، މިއީ ހަމަ ޙަޤީޤަތުގައިވެސް ވަރަށްބުރަ، ވަރަށްބޮޑު މަސައްކަތެއް"

ރައީސް ވިދާޅުވިއެވެ. 

ގެއްލިފައިވާ ފައިސާގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން ގެއްލުނު މުދާ ހޯދުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޮރަޕްޝަންގެ އެހެނިހެން ބޮޑެތި މައްސަލަތަކަށްވެސް ދާއިމީ ޙައްލެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮރަޕްޝަންގެ މި ވަކިތައް ހިފާފައި އޮތް އޮތުން ނައްތައިލުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އެގޮތުން ހަމަ ވަރަށްގިނަ ކަންކަން މި ކުރަނީ. ހަމައެކަނި ޤާނޫނުތަކެއް ގެނައުމެއްވެސް ނޫން. މުއައްސަސާތައް ވަރުގަދަކުރުމެއްވެސް ނޫން. އެއާއެކީގައި، ހިންގުމުގެ ނިޒާމުވެސް ބަދަލުކުރަންޖެހޭ. ޚިދުމަތްދޭ ގޮތް ބަދަލުވާންޖެހޭ. މި ހުރިހާ ކަމެއްގެ ތެރެއިން ޑިޖިޓަލައިޒް ކުރުމާ، މި ހުރިހާ ކަމަކަށްވެސް މި އިސްކަންދެނީ"

ރައީސް ވިދާޅުވިއެވެ. 

ކުރިއަށް އޮތް ތަނުގައި ކޮރަޕްޝަނާއި ވައްކަމަށް އޮތް ފުރުޞަތުތައް ބަންދުކުރުމަށްޓަކައި ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަވަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތައް އިތުރަށް ވަރުގަދަކުރުމާއި، ޚިދުމަތްދޭ ގޮތްތައް ޑިޖިޓަލައިޒްކޮށް، ހާމަކަން ބޮޑު ނިޒާމެއް ޤާއިމުކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ކޮރަޕްޝަންގެ "ވަކިތައް" މުޖުތަމަޢުން ނައްތައިލުމަށް އިސްނަގައިގެން މަސައްކަތްކުރާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގެއްލިފައިވާ މުދާ ހޯދުމާއި، ކުރިމަގުގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް އިޚްލާޞްތެރި، ސާފު ސަރުކާރެއްގެ ނަތީޖާ ފެންނާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450