Ads by Farudhun

ޚަބަރު

އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީ ހޯދިކަމުގައި ވީ ނަމަވެސް، އަސްލަށް ރުޖޫޢަނުވެވޭނަމަ ޙަޤީޤީ މިނިވަންކަމެއް ނެތް: ރައީސް

އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީ ހޯދިކަމުގައި ވީ ނަމަވެސް، އަސްލަށް ރުޖޫޢަނުވެވޭނަމަ ޙަޤީޤީ މިނިވަންކަމެއް ނެތް: ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

31 ޖުލައި 2026، 11:58

31 ޖުލައި 2026، 11:58

ޤައުމަކަށް އިޤްތިޞާދީ އަދި ޢުމްރާނީ ގޮތުން ކިތަންމެ ބޮޑު ކުރިއެރުމެއް ލިބުނު ކަމުގައިވީ ނަމަވެސް، ދިވެހީންގެ އަސްލު އާދަކާދަތަކާއި ރިވެތި އަޚްލާޤަށް ރުޖޫޢަވުމުގެ ވިސްނުން ނުގެންގުޅޭނަމަ، ޙަޤީޤީ މިނިވަންކަމެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީންނަކީ މާޒީގައި އެކަކު އަނެކަކަށް އިޙްތިރާމްކުރާ، ބަސްމަގު ރީތި ބައެއް ކަމަށެވެ. ނަމަވެސް، މާއްދީ ތަރައްޤީއަށްވުރެ އިންސާނީ ތަރައްޤީ އާއި އަޚްލާޤީ ސިފަތައް އިސްނުކޮށްފިނަމަ، ދިވެހީންގެ އަސްލު އޮންނާނީ ބަދަލުވެފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދިވެހިންގެ ތެރޭގައި އޮތް ރިވެތި އަދަބު އަޚްލާޤު ހީނަރުވާން ފެށީ ސިޔާސީ ބޭނުންތަކަކަށްޓަކައި، އޭރުގެ އިދިކޮޅު ފަރާތްތަކުން ރާވައިގެން ހިންގި އަމަލުތަކުގެ ސަބަބުންނެވެ. ސިޔާސީ ފިކުރަކީ ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުން ކަމަށްވާއިރު، އިޚްލާސްތެރިކަމާއި އިޙްތިރާމް ކެނޑުމަކީ އެކަމުގެ ތެރޭގައި ހިމެނިގެންވާނެ ކަންކަން ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން އިސްނަންގަވައިގެން، ގެއްލިފައިވާ އެ ރިވެތި އާދަތައް އަލުން އާލާކުރުމަށް "އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕޭން" ފަދަ މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މިއީ ހަމައެކަނި ކެމްޕޭނެއް ނޫން ކަމަށާއި، މިއީ މުޅި ޤައުމު ބައިވެރިވާންޖެހޭ ބޮޑު އިޞްލާޙީ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާން ޖީލު ބިނާކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަޠަނީ ޚިދުމަތާއި، ޢިލްމީ އަދި ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ކުރިއަށްދިއުމަށް މަގުފަހިކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ލަފާދޭ މަޖިލީސްތަކާއި ޒުވާނުންގެ މަޖިލީހެއް އުފެއްދުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ކުރިއަށްގެންދާ "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ހިއްސާ އޮންނަ އެއްވެސް މުއައްސަސާއަކަށް މި މަޝްރޫޢުން އެކަހެރިވެގެން ހުރުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށެވެ.

ނިންމަވާލައްވަމުން ރައީސް ވަނީ ޕީ.އެން.ސީގެ ކުރިމަގާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ކޮންގްރެސްއަކީ، ރާއްޖޭގައި ދާޚިލީ ޑިމޮކްރަސީ ހަރުދަނާކަން ދައްކުވައިދޭނެ މުހިންމު ޙަރަކާތަކަށް ވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450