ޚަބަރު
މަޖިލީސް ޗުއްޓީގައި "ޒުވާނުންގެ ޕާލަމަންޓް" ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ހިޔާލުފުޅެއް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ ދައުރުތައް ނިމި، މަޖިލީސް ޗުއްޓީއަށްދާ މުއްދަތުތަކުގައި "ޒުވާނުންގެ ޕާލަމަންޓް" އޮޕަރޭޓްކުރާ ގޮތަށް ހަމަޖެއްސުމުގެ ހިޔާލުފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަށް ހަގީގީ މާނައިގައި މިނިވަންކަން އިހްސާސްކޮށްދިނުމަކީ ގައުމު ހިންގުމުގެ ނިޒާމުގެ ތެރެއިން އެކުދިންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ގައުމުގެ މުހިންމު ނިންމުންތަކުގައި ބަސް ބުނުމުގެ މިނިވަންކަން ޒުވާނުންނަށް އޮންނަންޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ.
ޒުވާނުންނަށް ބަސް ބުނުމުގެ ފުރުސަތު ދިނުމުގެ ގޮތުން "ޔޫތު ޕާލަމަންޓް" އުފެއްދުމަކީ ކުރިންވެސް އެކި ސިފަސިފައިގައި ކުރަމުން އައި ކަމެއް ނަމަވެސް، ރައީސް މުއިއްޒުގެ އަމާޒަކީ މިއަށްވުރެ ދާއިމީ އަދި ވަރުގަދަ ނިޒާމެއް ގާއިމުކުރުމެވެ.
ރައީސް ހުށަހެޅުއްވި މި ހިޔާލުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 93 ދާއިރާ ތަމްސީލުވާނޭހެން، ކޮންމެ ދާއިރާއަކުންވެސް ޒުވާން މަންދޫބަކު ހޮވޭނެއެވެ. މި މަންދޫބުން ހޮވާނީ އެ ދާއިރާއެއްގެ ޒުވާނުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. މީގައި ހިމެނޭނެ އުމުރުފުރާ އާއި އެހެނިހެން ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ކަނޑައަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"93 ދާއިރާ އޮންނައިރުގައި، ކޮންމެ ދާއިރާއެއްގެ ޒުވާނުންގެ ރެޕްރެޒެންޓޭޓިވްއެއް، ޒުވާނުން ވޯޓުލައިގެން ހޮވުން އިނގޭތޯ. ދެން އެ އޭޖް ކެޓަގަރީއާ މި އެއްޗެތި ދެން ފަހުން ތަފްސީލުކުރާނީ. ދެން ޔޫތު ޕާލަމަންޓް މީޓްކުރާނެ ގޮތާ، މި ހުރިހާ ކަމެއްގެ ތަފްޞީލުވެސް ފަހުން އަންނާނެ. އަޅުގަނޑުގެ ހިޔާލުގައި ހުރީ، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާނެ، އެ ބޭފުޅުންގެ ކޮންމެ ދައުރެއް ނިންމާފައި. މިސާލަކަށް، އެ ޗުއްޓީގެ މުއްދަތުގައި ޒުވާނުންގެ ޕާލަމަންޓް އޮޕަރޭޓް ކުރާނީ އިނގޭތޯ މިއީ އަޅުގަނޑުގެ ހިޔާލެއް،".
ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕާލަމަންޓުގެ ބޭނުމަކީ ގައުމުގެ އެކި ކަންކަމާ ގުޅޭގޮތުން ޒުވާނުންގެ ހިޔާލާއި މަޝްވަރާ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ހުށަހެޅޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިއީ މަޝްވަރާގެ ތެރެއިން އިތުރަށް ފުރިހަމަކުރެވޭނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިޒާމު ގާއިމުވެގެން ދިއުމަކީ ޒުވާނުން ސިޔާސީ ގޮތުން ހޭލުންތެރިކުރުވުމަށާއި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.