ކުޅިވަރު
ފުޓުބޯޅަ ތަރި ރޮނާލްޑޯ ކައިވެނި ކުރަނީ
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރިގޭޒް
ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ އަންނަ ހަފްތާ ބަންދުގައި ކައިވެނިކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލްގެ މަޑެއިރާގެ، ފޫންޝަލް ކަތީޑްރަލްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ކައިވެންޏަށްފަހު އުފާފާޅުކުރުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ސެވޯއީ ޕެލެސް ހޮޓަލުގައެވެ. އެ ހޮޓަލުގެ 2 ފަންގިފިލާ ވަނީ ކައިވެނީގެ ހަފްލާ ބޭއްވުމަށް ޓަކައި ކުއްޔަށްނަގާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޕޯޗުގަލްގެ މަޑެއިރާއަކީ ރޮނާލްޑޯގެ އުފަން ރަށް ކަމުން، އެ ރަށުގައި ކައިވެނީގެ ހަފްލާ ބޭއްވުމަށް ނިންމާފައިވުމަކީ އޭނާއަށް ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގައި ނަން މަޝްހޫރު ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ނަން ވިދާލުމުގެ ކުރިން، އޭނާ އުޅެ ބޮޑުވެފައި ވަނީ އެ ރަށުގައެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ކުރިން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ އެ އެންގޭޖްމަންޓަކީ ކުއްލިއަކަށް ހިންގައިގެން ދިޔަ ކަމެއް ކަމަށް ބުނެފައެވެ. ރައްޓެއްސަކު ދިން އަނގޮޓިއެއް ޖޯޖީނާއަށް ދޭން އުޅެނިކޮށް ދަރިން އައިސް، "މަންމައާ ކައިވެނިކުރަން އަނގޮޓި ދެނީތޯ" ސުވާލުކުރުމުން، އެއީ އެންމެ ރަނގަޅު ވަގުތު ކަމަށް ނިންމައި ކައިވެނި ކުރަން އެދުނީ ކަމަށް ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯގެ އުންމީދަކުރީ، މި އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު ކައިވެނި ކުރުމަށެވެ. ދުނިޔޭގެ ޗެމްޕިއަނަކަށްވުމަށް އޭނާކުރި އުންމީދު ނާކާމިޔާބުވީ ނަމަވެސް، އޭނާ މިހާރު މިވަނީ ކައިވެނީގެ ތައްޔާރީތައް ފަށާފައެވެ.
ރޮނާލްޑޯގެ ޖުމްލަ 5 ދަރިން ތިބޭއިރު، އޭގެ ތެރެއިން 2 ދަރިންނަކީ ޖޯޖީނާއާ އެކު ލިބިފައިވާ ކުދިންނެވެ. އެ ދެ މީހުން ދިމާވީ 2016 ވަނަ އަހަރުއެވެ.