ކުޅިވަރު

ޑޯރީގެ ހެޓްރިކަކާއެކު ނިއުރޭޑިއަންޓުން ކަޕް ވިނާސް ކަޕް ފެށީ ބޮޑު މޮޅަކުން

ޑޯރީގެ ހެޓްރިކަކާއެކު ނިއުރޭޑިއަންޓުން ކަޕް ވިނާސް ކަޕް ފެށީ ބޮޑު މޮޅަކުން

ނިއު ރޭޑިއަނޓުގެ ޑޯރިއެލްޓަން ގޮމޭޒް (ވ) އާއި ޑަ ސިލްވާ (ކ) / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 އޯގަސްޓު 2026، 07:50

03 އޯގަސްޓު 2026، 07:50

18 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފެށި ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޮމޭޒް (ޑޯރީ) ކާމިޔާބުކުރި ހެޓްރިކާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޮޑު މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.

ކަޕް ވިނާސް ކަޕް އެންމެ ފަހުން ބާއްވާފައިވަނީ 2008 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީވެސް ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ކްލަބަކީ ކްލަބް ވެލެންސިއާ ކަމަށްވީ ނަމަވެސް، މިދިޔަ ސީޒަނުގައި އެ ޓީމު ރެލިގޭޓްވުމާ ގުޅިގެން މިފަހަރުގެ މުބާރާތުން އެ ޓީމަށް ފުރުސަތު ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. މިފަހަރު ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން މީގެ ކުރިން މި މުބާރާތުގައި ކުޅެފައިވާ ހަމައެކަނި ޓީމަކީވެސް ނިއު ރޭޑިއަންޓެވެ.

ކުރިން މި މުބާރާތަކީ ރާއްޖޭގެ ޑޮމެސްޓިކް ހުރިހާ މުބާރާތެއްގެ ޗެމްޕިއަނުންގެ މެދުގައި ބާއްވާ މުބާރާތެއް ނަމަވެސް، މި ފަހަރު މި މުބާރާތް ކުރިއަށް ގެންދަނީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗު ނިއު ރޭޑިއަންޓުން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ 17 ވަނަ ސިކުންތުގެ ތެރޭގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އަލަށް އެ ޓީމާ ގުޅުނު ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ޑޮރިއެލްޓަން ގޮމޭޒްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސްގެ އަރީން އަބްދުﷲ ގޯލެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

ނިއު ރޭޑިއަންޓުން މެޗުގެ ކޮންޓްރޯލް ހޯދައި ލީޑު ފުޅާކުރީ 60 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ޑޯރީ ކާމިޔާބުކުރިއިރު، އޭގެ ދެ މިނެޓު ފަހުން އިތުރު ލަނޑެއް ޖަހައި އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ނިއުގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، ފަސްވަނަ ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުއްލައި ބިލިޓީއެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން، ބައިވެރިވާ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު، ތާވަލުގެ އެންމެ ކުރި ހޯދާ ދެ ޓީމު ބައްދަލުކުރާނީ ފައިނަލް މެޗުގައެވެ. ނިއު ރޭޑިއަންޓުން މި ހޯދި ބޮޑު މޮޅާއެކު އެ ޓީމަށް ވަނީ ފައިނަލުގެ އުންމީދު ބޮޑުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450