ކުޅިވަރު
ފީފާގެ މުބާރާތްތަކަށް އިންވެސްޓްކުރެވޭ ގޮތަށް ހުށަހެޅި ހުށަހެޅުން ބާތިލް ކުރަންޖެހޭ: ވެންގާ
ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އާސެން ވެންގާ---
ފީފާގެ މުބާރާތްތަކަށް އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރެވޭ ގޮތަށް ހުށަހެޅި ޕްލޭން ބާތިލްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އާސެން ވެންގާ ބުނެފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާވާފައިވަނީ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މައިގަނޑު މުބާރާތްތައް ހިންގުމަށް ވިޔަފާރި ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކުމަށެވެ. މި ހުށަހެޅުމަށް ތާއީދުކޮށްފިނަމަ ފީފާގެ މެންބަރު 211 އެސޯސިއޭޝަނުން ކޮންމެ އެސޯސިއޭޝަނަކަށް 40 މިލިއަން ޑޮލަރު ދޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވެފައިވެއެވެ.
ނަމަވެސް، މި ހުށަހެޅުމާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް ޔޫއެފާގެ 55 ގައުމަކުން ވަނީ ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މިއާއެކު، އިންފަންޓީނޯއަށް ވަނީ މި ޕްލޭން އަނބުރާ ގެންދަން މަޖުބޫރުވެފައެވެ.
ކުރީގެ އާސެނަލްގެ ކޯޗު ވެންގާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ސްޓްރެޓީޖިކް ޕްލޭންގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށާއި، މިކަމުގެ މައުލޫމާތު އެނގުނީ މީޑިއާ ރިޕޯޓްތަކުން ކަމަށެވެ.
"މި ޕްލޭން އަނބުރާ ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި އެއީ ސުވާލެއް އުފެދޭ ކަމެއްވެސް ނޫން. އަހަރެން ގަބޫލުކުރަނީ ފީފާއަކީ އިހުލާސްތެރިކަމާއި، ދެފުށް ފެންނަ ގޮތަށް ފުޓްބޯޅައަށް ހިދުމަތްކުރާ މިނިވަން މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށް." ވެންގާ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ޔޫއެފާއިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ފީފާގެ 18 އޮފިޝަލުންގެ ތެރޭގައި ވެންގާ ވެސް ހިމެނެއެވެ.
މި މައްސަލައިގައި މިހާތަނަށް އިސްތިއުފާ ދެއްވި ހަމައެކަނި ބޭފުޅަކީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޯޑޭރޯއެވެ. އޭނާ ވިދާޅުވީ މި ހުށަހެޅުމަކީ ފުޓްބޯޅައަށް އޮތް ވަރަށް ނުރައްކާތެރި އަދި ފުޓްބޯޅައިގެ މުސްތަގުބަލު ރަހުނު ކުރެވިގެންދާނެ ފަދަ "ގޯސް މުއާމަލާތެއް" ކަމަށެވެ.
2019 ވަނަ އަހަރުން ފެށިގެން ފީފާގެ މުހިންމު މަގާމެއް ފުރަމުން އަންނަ ވެންގާއަކީ މީގެ ކުރިން އިންފަންޓީނޯ ހުށަހެޅި، ކޮންމެ ދެ އަހަރަކުން އެއްފަހަރު ވޯލްޑް ކަޕް ބޭއްވުމުގެ ޕްލޭނަށް ތާއީދުކުރި ފަރާތެކެވެ. ނަމަވެސް މިފަހަރުގެ އިންވެސްޓްމަންޓް ޕްލޭނާ މެދު އޭނާ ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.