ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އއ. އުކުޅަހަށް ވަޑައިގެންފި
ރައީސްގެ ދަތުރުފުޅުގެ ތެރެއިން---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އުކުޅަހަށް ވަޑައިގަންނަވައިފިއެވެ.
މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލުވިފަހުން އެ ރަށަށް ކުރައްވާ 3 ވަނަ ދަތުރުފުޅު ކަމަށްވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ ބަނދަރު މައްޗަށް ޖަމާވެފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ، (ސިޑްސް ސްޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ސިމްޕޯސިއަމް) ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ އެކުވެނި ދައުލަތްތައް (އދ)ގެ އިޖްތިމާއީ އަދި އިގްތިސާދީ ޖަމިއްޔާ އާއި، އޮޑިޓަރ ޖެނެރަލް އޮފީހުން ގުޅިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ.
އަދި އޮޑިޓްކުރުމާ ބެހޭ އެންމެ މަތީ އިދާރާތަކުގެ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓޮސައި (INTOSAI) އިން ކޮންމެ އަހަރަކު ބާއްވާ "އައި.ޑީ.އައި ގްލޯބަލް ސަމިޓް" ފެށުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑާއިގަންނަވައެވެ.
އާބާދީގައި ގާތްގަނޑަކަށް 1200 އެއްހާ މީހުން ދިރިއުޅޭ އުކުޅަހުގައި ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއްދެއްވައިގެން ގިނަ މަޝްރޫއުތަކެއް ވެސް ކުރިއަށްގެންދަވަމުންނެވެ. އެގޮތުން، ސިއްހީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއިން އެ ރަށުގައި ކުރިއަށްގެންދާ މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.