ޚަބަރު
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ އައު ސްޓްރެޓީޖިކް ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ޕްލޭން އިފްތިތާޙްކޮށްދެއްވީ މިއަދު ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއަދު އިފްތިތާޙްކުރެވުނު 2026 އިން 2029 އަށް އެކުލަވާލާފައިވާ މި ސްޓްރެޓީޖިކް ޕްލޭނަކީ، އޮޑިޓް އޮފީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތާއި، އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދާއިރާތަކުގެ ތަފްސީލީ މަޢުލޫމާތު ހިމެނޭހެން ތައްޔާރުކޮށްފައިވާ މުހިންމު ލިޔުމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، މި ސްޓްރެޓެޖީ އެކުލަވާލާފައި ވަނީ ޒަމާނީ، ބަރޯސާވެވޭ އަދި ނަތީޖާ ހާސިލްކުރެވޭނެފަދަ ތަސައްވުރަކާއެކުގައި ކަމަށެވެ. އަދި އައު ޕްލޭންގައި އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ދަރަނި ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމުގެ އިތުރުން، އާއްމު ޕޮލިސީތައް ތަންފީޒްކުރެވޭ މިންވަރު ބެލުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަދަކީ ރާއްޖެއަށް ވަރަށް ޚާއްސަ ދުވަހެއް. އެއީ އަޅުގަނޑުމެން މި ތަޢާރަފްކުރަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން. މި ޕްލޭން އެކުލަވާލާފައިވާނީ ޤައުމީ މަސްލަހަތު އިސްކޮށް، އާއްމުންނަށް އެންމެ ބޮޑަށް ފައިދާ ވާނެގޮތަށް ވިސްނުން ބަހައްޓައިގެން
ހުސައިން ނިޔާޒީ
މީގެއިތުރުން، އައު ޕްލޭންގައި ފޮރެންސިކް އޮޑިޓްތަކާއި، މައުލޫމާތުގެ ނިޒާމްގެ އޮޑިޓްތައް ފަދަ ޚާއްސަ ދާއިރާތަކަށް އުއްމީދީ އަމާޒުތަކެއް ކަނޑައަޅާފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. މި ޕްލޭންގެ ދަށުން އޮޑިޓް އޮފީހުގެ ޤާބިލްކަން އިތުރުކުރުމަށާއި، މަސައްކަތުގެ މާޙައުލުގައި ޒަމާނީ ޓެކްނޮލިޖީ އާއި އައު އުކުޅުތައް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
ހަމައެހެންމެ، މި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކަމާގުޅުންހުރި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަންވެސް އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.