ޚަބަރު
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށް، އީޖާދުކުރުމަށް އިސްކަންދީގެން: ރައީސް ޑރ. މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށް، އީޖާދުކުރުމަށް ވުނަކުރުން މަތީ ދެމިތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޙަޤީޤީ ވިލުންތެރިކަމެއްގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށެވެ. އަދި ދައުލަތުގެ ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުގެ ސަބަބުން ކަމަށާއި، ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރަކީ ވިލުންތެރިކަން ދެމެހެއްޓުމަށް ބޭނުންވާ އެންމެ މުހިންމު ބަހާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަގުސަދު ހާސިލުކުރުމުގައި ދައުލަތުގެ އޮޑިޓް މުއައްސަސާތަކުގެ ދައުރު މިހާރުގެ ދަނޑިވަޅުގައި އިންތިހާއަށް މުހިންމުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދައުލަތުގެ މާލިއްޔަތަށް ދޭ ކޮންމެ ފައިސާއަކީ ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަކަށް ވާންޖެހޭނެ ކަމަށެވެ.
"ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫން، އެއީ ޤައުމު ކުރިއެރުމުގެ އަސާސް،" ރައީސް ވިދާޅުވިއެވެ. މުސްތަގުބަލުގެ ޖީލުތަކަށް ވިލުންތެރި ދައުލަތަކާއި، ހަރުދަނާ ޑިމޮކްރަސީއެއްގެ އިތުރުން ދުޅަހެޔޮ އިގުތިސާދެއް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން އިތުރުކުރުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސިޑްސްގެ ގިނަ ޤައުމުތަކަކީ ދަރަނި މެނޭޖުކުރަމުން މުސްތަގުބަލަށް އިންވެސްޓްކުރަމުންދާ، އަދި ކުއްލި ޙާލަތްތަކާ ކުރިމަތިލަމުން އިގުތިސާދީ ކުރިއެރުން ހޯދަން މަސައްކަތްކުރާ ޤައުމުތަކެއް ކަމަށެވެ. ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއި ބޭރުގެ ފިއްތުންތަކާއެކުވެސް، ރާއްޖެއިން ދަނީ މުސްތަގުބަލަށް ވުނަކުރަމުން، މާލީ އިލްތިޒާމުތައް ފުރިހަމައަށް އަދާކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ ސަބަބުން ރާއްޖެއަށް ދިމާވާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ. އެގޮތުން ސަރުކާރުން ފައްޓަވާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ޒަމާނީ، ރައްޔިތުންނަށް ލުއިފަސޭހަ ޑިޖިޓަލް ދައުލަތެއް ބިނާކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.