ޚަބަރު
ސިޑްސް ސިމްޕޯޒިއަމް ނިންމާލައި "އައިޑީއައި ގްލޯބަލް ސަމިޓް" ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި
ސިޑްސް ސިމްޕޯޒިއަމް ނިންމާލައި "އައިޑީއައި ގްލޯބަލް ސަމިޓް" އިފްތިތާޙްކޮށްދެއްވުން ފޮޓޯ:ރައީސް އޮފީސް
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އިދާރާތަކަށް އަމާޒުކޮށްގެން ބޭއްވި "ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް" ކާމިޔާބުކަމާއެކު ނިންމާލައި، ދުނިޔޭގެ އެންމެ މަތީ އޮޑިޓް އޮފީސްތައް ބައިވެރިވާ "އައިޑީއައި ގްލޯބަލް ސަމިޓް" ފަށައިފިއެވެ.
އއ. އުކުޅަހުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މަހުގެ 3 އިން 5 އަށް ކުރިއަށްގެންދިޔަ މި މަހާސިންތާއަކީ އދ.ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމްޢިއްޔާއާއި ރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުވާ މިންވަރު ބެލުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އޮޑިޓް އޮފީސްތަކުން އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.
މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވާފައެވެ. މި ޕްލޭން އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ މަހާސިންތާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ވަނީ މި މަހުގެ 6 އިން 7 އަށް ކުރިއަށްދާ "އައިޑީއައި ގްލޯބަލް ސަމިޓް" ރަސްމީކޮށް ފަށާފައެވެ. މި ސަމިޓުގައި ދުނިޔޭގެ ބޮޑެތި އޮޑިޓް އޮފީސްތަކުގެ އެހީތެރިކަމާއެކު، ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ކުރިއަށް އޮތް ދެ ދުވަހު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.