ޚަބަރު
ރައީސް މުޢިއްޒު އުކުޅަހު ކައުންސިލާއި ބައްދަލުކުރައްވައިފި
ރައީސް އުކުޅަހު ކައުންސިލާއި ބައްދަލުކުރެއްވުން. ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށަށް ކުރިމަތިވެފައިވާ އެކި ދަތިތަކާއި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އަރުވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އިތުރު ހައުސިންގ ޔުނިޓުތަކެއް ގާއިމުކުރުމާއި، ރަށުގެ ހިއްކި ބިމާ ގުޅުވައި އިތުރު ބައެއް ހިއްކުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމެއް ހަމަޖެއްސުމުގައި ހުރި ދަތިތަކާއި، ރަށުގެ ކުނި ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ރަށުގެ ރައްޔިތުންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި، ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައްވެސް ވަނީ ކައުންސިލާ ޙިއްޞާކުރައްވާފައެވެ.