ކުޅިވަރު

މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމްއިން ބާއްވާ ތާރީހީ ފުޓްސަލް މުބާރާތް ފަށައިފި

މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމްއިން ބާއްވާ ތާރީހީ ފުޓްސަލް މުބާރާތް ފަށައިފި

އޭދަފުށީގެ އިޝާން އިބްރާހިމް / ފޮޓޯ: އިބްރާހިމް ނަޒީހު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޯގަސްޓު 2026، 10:23

06 އޯގަސްޓު 2026، 10:23

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ބުދަ ދުވަހުގެ ހަވީރު ބ. އޭދަފުށީގައި ރަސްމީކޮށް ފަށައިފިއެވެ.

މިއީ ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމަށް އެފްއޭއެމް އާއި ކްލަބް މޯލްޑިވްސްއާ ދެމެދު މި އަހަރުގެ މޭ މަހު ވެވުނު އެއްބަސްވުމުގެ ދަށުން ބާއްވާ ތާރީޚީ މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން ރަށްރަށުގެ ކުޅުންތެރިންނަށް ގައުމީ ފެންވަރުގައި ހުނަރު ދައްކާލުމުގެ އައު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ބ. އަތޮޅުގެ މުބާރާތް ބާއްވާ އޭދަފުއްޓާއި ގޮއިދޫއެވެ. މި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭދަފުއްޓެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ގޮއިދޫންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 8ވަނަ މިނެޓުގައި ހަސަން ޝާމްއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން މުއާޒް އަލީ ވަނީ އޭދަފުއްޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި އޭދަފުށިން މެޗު ކޮންޓްރޯލްކޮށް، އިތުރު ތިން ލަނޑު ޖެހިއެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ސުހައިލް، މުހައްމަދު ފާސިރު އަދި އިޝާން އިބްރާހީމެވެ.

މި އަތޮޅުގައި ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ތުޅާދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކުރީ ތުޅާދޫއެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބައިކޮޅަށް ވަތް ލަނޑަކުން ފެހެންދޫ ކުރިހޯދި ނަމަވެސް، ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ހާޔަން ހަސަން ވަނީ ތުޅާދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ތިން ލަނޑު ފެނިގެންދިޔައެވެ. އާދިލް އަބްދުއްރަހުމާން ތުޅާދޫއަށް ލީޑު ނަގައިދިންތާ މިނެޓެއް ފަހުން ހަސަން ސާޖިދު ވަނީ ފެހެންދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް ޖެހިގެން އައި މިނެޓުގައި އީމާން އިލްޔާސް ޖެހި ލަނޑާއެކު ތުޅާދޫ މެޗުން މޮޅުވިއެވެ.

މި މުބާރާތް ކުރިއަށްދަނީ ހަތަރު ސަރަހައްދަކަށް ބަހާލައިގެންނެވެ. އެއީ އުތުރު، މެދުރާއްޖެ، މާލެ އަދި ދެކުނު ސަރަހައްދެވެ. ކޮންމެ އަތޮޅަކުން އެންމެ މޮޅު ދެ ޓީމު ޒޯން ބުރަށް ހޮވޭނެއެވެ. ޒޯން ބުރުން ހޮވޭ ޓީމުތައް ރީޖަނަލް ބުރުގައި ވާދަކޮށް، ޗެމްޕިއަން ޓީމުތަކަށް މޯލްޑިވްސް ފުޓްސަލް ލީގުން ފުރުސަތު ލިބޭނެއެވެ.

އަތޮޅު ބުރުގެ މެޗުތައް އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކި އަތޮޅުތަކުގައި ކުރިއަށްދާނެއެވެ. ޝަވިޔަނި، ވާވު، ޏަވިޔަނި، އަދި ސީނު އަތޮޅުން ބައިވެރިވީ އެންމެ ޓީމެއް ކަމަށްވާތީ، އެ ޓީމުތައް ފެންނާނީ ސީދާ ޒޯން ބުރުންނެވެ. އަދި މާލޭ ސަރަހައްދުން ބައިވެރިވި ޓީމަށް ވަނީ ސީދާ ފުޓްސަލް ލީގުން ޖާގަ ލިބިފައެވެ.

މިއީ ރާއްޖޭގެ ފުޓްސަލްގެ ތާރީޚުގައި ރަށްރަށުގެ ކްލަބްތަކަށް ގައުމީ ފެންވަރުގެ ލީގަކާ ހަމައަށް ދިއުމަށް ހުޅުވިގެންދިޔަ މުހިންމު މަގަކަށް ވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450