ކުޅިވަރު

ދުނިޔޭގެ ފުޓުބޯޅަ ތަރި ލިއޮނަލް މެސީގެ ބައްޕަ ޖޯޖް މެސީ މަރުވެއްޖެ

ދުނިޔޭގެ ފުޓުބޯޅަ ތަރި ލިއޮނަލް މެސީގެ ބައްޕަ ޖޯޖް މެސީ މަރުވެއްޖެ

ޖޯޖް މެސީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 އޯގަސްޓު 2026، 07:38

08 އޯގަސްޓު 2026، 07:38

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނަލް މެސީގެ ބައްޕަ އަދި އޭނާގެ އެޖެންޓް ޖޯޖް މެސީ، މިއަދުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

އާޖެންޓީނާގެ ރޮސާރިއޯގައި ހުންނަ މެޑިކަލް ކްލިނިކެއްގައި ޖޯޖް މެސީ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އުމުރުން 68 އަހަރުގައެވެ. މިކަން މެސީގެ އާއިލާއިން ކަށަވަރުކޮށްދީފައިވާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އާއިލާއިން ހާމަކުރި ގޮތުގައި، ޖޯޖް މެސީގެ ފަހު ދުވަސްތަކުގައި ވަރަށް ގިނައިން ރޮސާރިއޯގެ މެޑިކަލް ސެންޓަރެއްގައި ހޭދަކުރަން ޖެހުނެވެ. މި މުއްދަތުގައި އޭނާގެ އަނބިމީހާ ސެލިއާ އާއި ދަރިން ކަމަށްވާ ރޮޑްރިގޯ، މަޓިއަސް އަދި މާރިއާ ސޯލް ގާތުގައި ތިއްބެވެ.

ވޯލްޑް ކަޕަށްފަހު މެސީ ވަނީ އޭނާގެ ބައްޕައާއެކު ވަގުތު ހޭދަކޮށްފައެވެ. އަދި ވޯލްޑް ކަޕަށްފަހު އޭނާ ކުޅެމުންދާ އެމެރިކާގެ އިންޓަ މިއާމީގެ ފަރިތަކުރުންތަކަށް އެނބުރި ދިޔައީ އާޖެންޓީނާގައި ހުރުމަށްފަހު މީގެ ހަފުތާއެއް ކުރިންނެވެ.

ޖޯޖް މެސީއަކީ ލިއޮނަލް މެސީގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ފަރާތެވެ. ބާސެލޯނާގައި މެސީ ހޭދަކުރި ކުރީކޮޅުގެ ދުވަސްވަރުން ފެށިގެން، ޖޯޖް ވަނީ މެސީގެ އެންމެ ގާތް އެހީތެރިޔާގެ ގޮތުގައެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން މެސީގެ އެޖެންޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރީ އޭނާގެ ބައްޕައެވެ.

ބައްޕައާ ބެހޭގޮތުން މެސީ މީގެ ކުރިން ބުނެފައިވަނީ، ކުޑައިރުން ފެށިގެންވެސް އަބަދުވެސް ކުރާ ކޮންމެ ކަމެއްގައި ބައްޕަގެ ރުހުން ބޭނުންވާ ކަމަށެވެ. އަދި ކޮންމެ މެޗަކަށްފަހު، އޭނާ ކުޅޭގޮތާމެދު ބައްޕަ ދެކޭގޮތް ބަލާކަމަށް ބުނެފައި ވެއެވެ.

މިދިޔަ ވޯލްޑް ކަޕްގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ހެޓްރިކެއް ހެދުމަށްފަހު، ފުރަތަމަ ލަނޑާއެކު އުފާފާޅުކުރަމުން ދަނިކޮށް ފެންކަޅިވެ ރޮވުނު މަންޒަރު ފެނިގެންދިޔައެވެ. ފަހުން ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ބުނީ، އެއީ ފުޓުބޯޅައާ ގުޅުމެއް ނެތް ކަމެއް ކަމަށާއި، އޭނާ ވަރަށް އުނދަގޫ އަދި ދަތި ދުވަސްތަކެއް ތަހައްމަލު ކުރަމުންދާ ކަމަށެވެ. އޭގެ ދުވަސްތަކެއް ފަހުން، ޖޯޖް މެސީ ބަލިވެ އުޅޭތީ ފަރުވާ ހޯދަމުންދާކަން އާއިލާއިން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450