ކުޅިވަރު

މާޅޮހުން، ފުންނާބުއުސް ފުޓްސަލް ކުޅުންތެރިން ހިމެނޭ އޭދަފުށި ބަލިކޮށްފި

މާޅޮހުން، ފުންނާބުއުސް ފުޓްސަލް ކުޅުންތެރިން ހިމެނޭ އޭދަފުށި ބަލިކޮށްފި

އޭދަފުށީގެ މުހައްމަދު ފާސިރުގެ އަތުން ބޯޅަ ހޯދުމަށް އިދިކޮޅު ކުޅުންތެރިޔާ މަސައްކަތްކުރަނީ / ފޮޓޯ: އިބްރާހިމް ނަޒީހު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޯގަސްޓު 2026، 09:49

09 އޯގަސްޓު 2026، 09:49

އެފްއޭއެމް އަތޮޅު ފުޓްސަލް ޗެމްޕިއަންޝިޕްގެ ބ. އަތޮޅު ބުރުގައި، މުބާރާތް ބާއްވާ އޭދަފުށި ބަލިކޮށް މާޅޮހުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހު އޭދަފުށީ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުން މާޅޮސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ ފުންނާބުއުސް ފުޓްސަލް ކުޅުންތެރިންތަކަކާއެކު ނުކުތް އޭދަފުށި ޓީމު ބަލިކޮށް، މާޅޮހުން ވަނީ ގްރޫޕް އޭ ގެ ސެމީ ފައިނަލުގެ ޖާގައަކަށް ކުރާ އުންމީދު އާކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޅޮހުގެ މުހައްމަދު ނަބީލް ވަނީ ދެ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. ދެވަނަ ހާފުގައި އޭދަފުށިން ނަތީޖާ އަނބުރާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، މާޅޮހުގެ ގޯލްކީޕަރު މުހައްމަދު އާތިފް ވަނީ ހުށިޔާރުކަމާއެކު އޭދަފުށީގެ ހަމަލާތައް ދިފާއުކޮށްފައެވެ. މާޅޮހުގެ ތިންވަނަ ލަނޑު މެޗުގެ ފަހު ހާފުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އަމީން އިބްރާހީމެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ ފަހަތުން އަރައި ގޮއިދޫ ބަލިކޮށްފައެވެ. ނަމަވެސް މާޅޮހާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން، ސެމީގެ ޖާގަ ކަށަވަރު ކުރުމަށް އޭދަފުއްޓަށް މިވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.

މި މުބާރާތުގެ ބ. އަތޮޅުގެ ގްރޫޕް ބީ ގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ދޮންފަނު ވަނީ 4-2 އިން ތުޅާދޫ ބަލިކޮށްފައެވެ. މިއީ މި މުބާރާތުގައި ދޮންފަނުން ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގެ 18 ވަނަ މިނެޓުގައި އީރާނުގެ ކުޅުންތެރިޔާ މޮންތަޒެމީ މުހްސިން ވަނީ ދޮންފަނަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ތުޅާދޫގެ އީމާން އިލްޔާސް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ދޮންފަނުން މެޗުގެ ކޮންޓްރޯލް ހޯދީ ދެވަނަ ހާފުގައެވެ. އެގޮތުން ހަތަރު މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން ޒަރީރާއި އަހުމަދު އިފްހާމް (2 ލަނޑު) އެވެ. ތުޅާދޫގެ ދެވަނަ ލަނޑު މެޗުގެ ފަހުކޮޅު ޖަހައިދިނީ ހަސަން ނާއިލް ދާއޫދެވެ.

މި ނަތީޖާތަކާއެކު، ދެ ގްރޫޕުގެވެސް ފޯރި ވަނީ ގަދަވެފައެވެ. އޭދަފުއްޓާއި ތުޅާދޫއަށް މި މެޗުތަކުން މޮޅުވެގެން ސެމީ ފައިނަލް ކަށަވަރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު ސެމީގެ ޖާގަތައް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450