ކުޅިވަރު
މާޒިޔާގެ އަމާޒަކީ އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖު
މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
އޭއެފްސީ ޗެލެންޖް ލީގުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ދިވެހި ލީގުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މި ފަހަރުގެ އަމާޒަކީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރުން ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު ބުނީ، މިފަހަރުގެ މުބާރާތަށް ޓީމުން ނުކުންނަނީ ވަރަށް ބޮޑު އުންމީދަކާއެކު ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި މާޒިޔާއިން ފުރަތަމަ ކުޅެން ޖެހެނީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައެވެ. މި ބުރުގައި އަންނަ އަންގާރަ ދުވަހު މާޒިޔާ ބައްދަލުކުރާނީ ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާއެވެ. މާޒިޔާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ މި މެޗުން މޮޅުވެގެންނެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖުމްލަ 20 ޓީމެއް ވާދަކުރާނެއެވެ.
މި މުހިންމު މެޗަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ ޓީމު ވަރުގަދަކުރުމަށް ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނައިޖީރިއާގެ ސެންޓަރ ފޯވާޑް ބެންޖަމިން ކޫކޫ އާއި، ސާބިއާގެ ނެމާންޖާ ޑްރަވްކޮވިޗް އަދި ހަމަ އެ ގައުމުގެ ނިކޮލާ ވުޖިސިޗް އެވެ.
މި ތިން ކުޅުންތެރިންވެސް ވަނީ ދާދިފަހުން ކަޕް ވިނާސް ކަޕުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި ފެނިގެން ގޮސްފައެވެ. ފަހަތުން އަރައި 1-2 އިން މާޒިޔާ މޮޅުވި އެ މެޗުގައި، މާޒިޔާ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީވެސް އާ ފޯވާޑް ކޫކޫއެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ވެސް އެ ޓީމާ ވަނީ ބިދޭސީ ކުޅުންތެރިއަކު ގުޅިފައެވެ.
މާޒިޔާ އާއި ރެގާރު ޓަޑާޒް ބައްދަލުކުރާ ޕްރިލިމިނަރީ ބުރުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ރާއްޖޭގައެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 15:00 ގައެވެ.