ކުޅިވަރު
މިޔަޓް ފުޓްސަލް ފިއެސްޓާގެ ފައިނަލުން ކަންމަތި އަދި އެޕޮކެލިޕްސް ޖާގަ ހޯދައިފި
މިޔަޓް ފުޓްސަލް ޗެލެްންޖުގެ ސެމީފައިނަލް / ފޮޓޯ: އިމޭޖަސް އެމްވީ
ކ. އަތޮޅު ތުލުސްދޫގައި ކުރިއަށްދާ "މިޔަޓް ފުޓްސަލް ފިއެސްޓާ 2026" ގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަށްފަހު، މުބާރާތުގެ ފައިނަލުގެ ޖާގަތައް އެޕޮކެލިޕްސް އެސްސީ އަދި ކަންމަތި އެފްސީން ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުނު އާދީއްތަ ދުވަހުގެ ރެއަކީ، މުބާރާތް އިންތިޒާމުކުރާ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އަށް ތާރީޚީ ރެއެކެވެ. އެއީ މި މުބާރާތުގައި ފުރަތަމަ ފަހަރަށް ވީޑިއޯ ސަޕޯޓް (ވީއޭއާރު) ބޭނުންކުރަން ފަށާފައިވާތީއެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ބައްދަލުކުރީ އެޕޮކެލިޕްސް އެސްސީ އާއި ބްލެކް އީގަލްސްއެވެ. މި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޕޮކެލިޕްސް އެސްސީއެވެ.
އާއިލީ ކަމަކާ ގުޅިގެން ބްލެކް އީގަލްސްގެ މުހިންމު ކުޅުންތެރިޔާ މުހައްމަދު އިސާމް ނުލައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެޕޮކެލިޕްސްއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި އަހުމަދު އަފްލާޒް ލަނޑެއް ޖަހައި އެޕޮކެލިޕްސްއަށް ކުރިހޯދައިދިނެވެ. ނަތީޖާ އެއްވަރުކުރުމަށް ބްލެކް އީގަލްސްއިން ކުރި މަސައްކަތުގައި އެޓީމުގެ ގޯލްކީޕަރު އިސްމާއިލް ފާތިހު ކުރިއަށް އަރައި ކުޅެނިކޮށް ހެދުނު ގޯހަކުން، މުހައްމަދު ވިލްފް ވަނީ ހުސް ގޯލަށް ބޯޅަ ފޮނުވާލައި ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އަފްލާޒް އާއި ވިލްފް އިތުރު ލަނޑުތަކެއް ޖަހައި، އެޕޮކެލިޕްސްއަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިނެވެ.
މިޔަޓް ފުޓްސަލް ޗެލެްންޖުގެ ސެމީފައިނަލް / ފޮޓޯ: އިމޭޖަސް އެމްވީ
ދެވަނަ ސެމީ ފައިނަލްގައި ކަންމަތި އެފްސީން ގާފަރުގެ އެކްސް ބޯއިސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގެ ކުރީކޮޅު ހުސައިން ސުހައިލްގެ ލަނޑުން ކަންމަތި ލީޑު ނެގި ނަމަވެސް، އެކްސް ބޯއިސްގެ އިބްރާހިމް ރިމާހު ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ. ކަންމަތި ޓީމުން އިތުރު ދެ ލަނޑު ޖަހައި 3-1 އިން ލީޑު ނަގާފައި ވަނިކޮށް، ދެވަނަ ހާފުގައި އެކްސް ބޯއިސްގެ ޝަނާން ރަޝީދު އަދި ރިމާހު ޖެހި ލަނޑުތަކުން މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވަރުވެގެންނެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކަންމަތި އެފްސީން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ކަންމަތި ޓީމުގެ އަބްދުﷲ ޝާފިއު، އަހުމަދު ބައްސާމް އަދި އަހުމަދު ރާހިލް ރަޝީދު ޕެނަލްޓީ ކާމިޔާބުކުރިއިރު، އެކްސް ބޯއިސްގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޯގަސްޓް 13 ވަނަ ދުވަހުއެވެ. ފައިނަލުން މޮޅުވާ ޓީމަކަށް 75,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވެއެވެ.