ޚަބަރު
ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ސާކްގެ ސެކްރެޓަރީ ޖެނެރަލް ރައީސްގެ އަރިއަހަށް ވަދާޢީ ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމް.ޑީ ގޮލާމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިންމު ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ތަކުރާރު ކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕަށް ރައީސުލްޖުމްހޫރިއްޔާ ތައުރީފު ކުރެއްވިއެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއިން އެ ޖަމްޢިއްޔާއަށް ދެއްވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. ސާކް އުފެއްދި މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މުހިންމުކަން ފާހަގަކުރައްވައި، ޖަމްޢިއްޔާގެ މަސައްކަތްތައް އަލުން ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ސެކްރެޓަރީ ޖެނެރަލް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސާކްގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި އެންމެން ގުޅިގެން ކުރިއެރުން ހޯދިދާނެ ގޮތްތަކާ މެދު ޚިޔާލު ބަދަލުކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ 8 ޑިސެމްބަރު 1985 ގައި ޑާކާގައި ސާކް ޗާޓަރުގައި ސޮއިކޮށް، އެ ޖަމްޢިއްޔާ އުފެއްދި ބާނީ މެންބަރު ޤައުމެކެވެ.