ކުޅިވަރު
އޭއެފްސީ ޗެލެންޖު ލީގުގައި މާޒިޔާ ކުޅޭ މެޗު ފަސްކޮށްފި
މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ އެންމެފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅެން އޮތް މެޗު ކުއްލި ގޮތަކަށް ފަސްކޮށްފިއެވެ.
މި މެޗު ފަސްކުރަން ޖެހުނީ މާޒިޔާއާ ދެކޮޅަށް ކުޅެން އޮތް ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒް ރާއްޖެ އައުން ލަސްވުމާ ގުޅިގެންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީމު ފުރަތަމަ ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް، އެ ޓީމު ދަތުރުކުރަން އޮތް ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރާއްޖެ އައުން ވަނީ އަންގާރަ ދުވަހަށް ލަސްވެފައެވެ.
މި ބަދަލާ ގުޅިގެން، ކުރިން އަންގާރަ ދުވަހު ކުޅުމަށް ތާވަލުކުރި މި މެޗު މިހާރު ވަނީ ބުދަ ދުވަހަށް ފަސްކޮށްފައެވެ.
އޭއެފްސީގެ މުބާރާތްތަކުގެ ފޯމެޓަށް ގެނައި ބަދަލުތަކާއެކު، އޭއެފްސީގެ ތިންވަނަ ފަންތީގެ މުބާރާތް ކަމަށްވާ އޭއެފްސީ ޗެލެންޖު ލީގުން ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނަށް ލިބިފައިވަނީ އެންމެ ޖާގައެކެވެ.
މީގެކުރިން އޭއެފްސީ ކަޕްގައި ރާއްޖޭގެ ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް އަދި އެފްއޭ ކަޕް ޗެމްޕިއަނަށް ކޮލިފައިން ޖާގައެއް ލިބުނު ނަމަވެސް، އޭއެފްސީގެ އައު އުސޫލުގެ ދަށުން ރާއްޖެއަށް މިހާރު ލިބެނީ އެންމެ ފުރުސަތެކެވެ.
މާޒިޔާ އަކީ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ހަމައެކަނި ޓީމެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ ކުޅުނު މެޗުން އަލް އަރާބީ އަތުން 4-0 އިން ބަލިވެ، މުބާރާތުން ވަނީ ކަޓާފައެވެ.