ޚަބަރު
ފާމަސިސްޓުން އިތުރުކުރުމާއި، ތަމްރީނުކުރުމާއި ގުޅޭގޮތުން ސްޓޭޓް ފާމާއާއި ވިލާކޮލެޖުން މަޝްވަރާކޮށްފި
ސްޓޭޓް ފާމާ އާއި ވިލާ ކޮލެޖްގެ ބައްދަލުުވުން. ފޮޓޯ: ސްޓޭޓް ފާމާ
ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފާމަސިސްޓުން ތަމްރީނުކުރުމާއި، މި ދާއިރާއިން މީހުން ބިނާކުރުމާ ގުޅޭގޮތުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) އިން ވިލާ ކޮލެޖާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
ސްޓޭޓް ފާމާއިން މިއަދު ހާމަކުރި ގޮތުގައި، ކުންފުނީގެ މެނޭޖްމަންޓުން ވިލާ ކޮލެޖުގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ފާމަސީ ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ. މީގެ އިތުރުން، މި ދާއިރާއިން ތަމްރީނުވެގެން ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދާއިރާގައި މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ހުނަރު އިތުރުކުރުމަށެވެ. އެގޮތުން، "ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރިފްރެޝަރ ކޯސް ހިންގުމަށް ވިލާ ކޮލެޖާއި ގުޅިގެން މަސައްކަތްކުރުމަށް" ވެސް މަޝްވަރާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސްޓޭޓް ފާމާއިން ދަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިދިޔަ ޖުލައި މަހު އެ ކުންފުނިން ވަނީ ފާމަސިސްޓުން ތަމްރީނުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާވެސް މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި، ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނިކާގެ މަންދޫބުންނާއެކު މިދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ވެސް ވަނީ މުހިންމު ބައްދަލުވުމެއް ބާއްވާފައެވެ. މި ހުރިހާ މަސައްކަތްތަކަކީވެސް ރާއްޖޭގެ ފާމަސޫޓިކަލް ދާއިރާ އިތުރަށް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކެކެވެ.