ކުޅިވަރު
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ހއ. އަތޮޅުގެ ތާރީޚީ ފުރަތަމަ އައްޑަނަ އިހަވަންދޫއަށް
އިހަވަންދޫއިން ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުން / ފޮޓޯ: ކްލަބް މޯލްޑިވްސް
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަލަށް ފެށި މި މުބާރާތުގެ އަތޮޅު ބުރުގެ އައްޑަނައެއް އުފުލާލި ފުރަތަމަ ރަށެވެ.
ހއ. އަތޮޅުން މި މުބާރާތުގައި ބައިވެރިވީ އިހަވަންދޫ އާއި ފިއްލަދޫ އެކަނި ކަމަށްވާތީ، އަތޮޅު ޗެމްޕިއަން ހޮވުމަށް ކުޅުނީ ފައިނަލް މެޗު އެކަންޏެވެ. އިހަވަންދޫގައި ކުޅުނު މި ފައިނަލް މެޗުގައި "ޖޭ ސްޕޯޓްސް އެކަޑަމީ" ތަމްސީލުކުރި އިހަވަންދޫ ޓީމުން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފިއްލަދޫ ބަލިކޮށްފައެވެ.
މިޞްރުގެ ކުޅުންތެރިޔާ އަޙްމަދު އަލްސައީދު ޢަލީ ޙަމީދު ހިމެނޭ އިހަވަންދޫ ޓީމުން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި މުޙައްމަދު ސާނިއު ވަނީ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާއަކުން އިހަވަންދޫއަށް ލީޑު ނަގައިދީފައެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އިހަވަންދޫގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އަލްސައީދެވެ. މިއީ އެ ޓީމުން ގުޅިގެން އުފެއްދި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ.
ދެވަނަ ހާފު ފެށިގެން މަދު ސުކުންތު ކޮޅެއްގެ ތެރޭގައި އިހަވަންދޫގެ އަލްސައީދު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން ސާނިއު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އިހަވަންދޫއަށް ހަތަރު ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އިހަވަންދޫގެ ފަހު ލަނޑު ޖަހައި، މެޗުގައި ހެޓްރިކް ފުރިހަމަކުރީ އަޙްމަދު އަލްސައީދެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 34 ވަނަ މިނެޓުގައެވެ.
މި ބޮޑު މޮޅާއެކު އިހަވަންދޫ ވަނީ މި މުބާރާތުގެ ތާރީޚުގެ ތެރެއަށް ވަދެފައެވެ. އެއީ މުޅި ރާއްޖޭގައި އަލަށް ފެށި މި މުބާރާތުގެ ފުރަތަމަ އަތޮޅު ޗެމްޕިއަންގެ ޝަރަފު ހޯދި ރަށުގެ ގޮތުގައެވެ.
މި މެޗުން ބަލިވި ނަމަވެސް، ފިއްލަދޫއަށް މުބާރާތް ނިމުނީއެއް ނޫނެވެ. މުބާރާތުގެ އުސޫލު އޮތްގޮތުން ކޮންމެ އަތޮޅަކުން ވެސް ފައިނަލުގައި ކުޅޭ ދެ ޓީމު ޒޯން ބުރަށް ދަތުރުކުރާނެއެވެ. އެހެންކަމުން ހއ. އަތޮޅުން އިހަވަންދޫ އާއި ފިއްލަދޫ ދެން ވާދަކުރާނީ ނޯތު ޒޯން 1 ގައެވެ. މި ޒޯންގައި ދެން ބައްދަލުކުރަން ޖެހޭނީ ހދ. އަތޮޅާއި ށ. އަތޮޅުގެ ފައިނަލިސްޓުންނާއެވެ.