ޚަބަރު
"ރައްޔިތުންގެ އަޑު": ރައީސް މުޢިއްޒާ ބައްދަލުކުރުމަށް އިތުރު 8 ދާއިރާއަކަށް ފުރުޞަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވެވަޑައިގަތުމަށް، އިތުރު 8 ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށް ނަން ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
މިފަހަރު ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ. މީގެކުރިންވެސް 8 ދާއިރާއަކަށް މި ފުރުޞަތު ހުޅުވާލާފައިވެއެވެ.
"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ރައީސް އޮފީހުގެ ޚާއްޞަ ޕޯޓަލް (rayyithungeadu.presidency.gov.mv) މެދުވެރިކޮށް، މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރަންޖެހެއެވެ. މި ބައްދަލުވުންތަކަށް ފުރުޞަތު ދޭނީ ބައްދަލުކުރުމަށް އެދޭ މީހުންގެ އަދަދަށާއި، ކަނޑައެޅިފައިވާ ވަގުތުގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ބަލައިގެންނެވެ.
މި ބައްދަލުވުމުގެ އުސޫލުގައިވާ ގޮތުން، ބައްދަލުވުމަށް ހާޒިރުވާ ފަރާތާއެކު އެ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި އަދި މައިންބަފައިން ބައިވެރިކުރެވޭނެއެވެ. ކޮންމެ ބައްދަލުވުމަކަށް 10 މިނިޓުގެ ވަގުތެއް ދޭއިރު، އަމިއްލަ ކަންކަމާއި، ވަޒީފާ އަދާކުރާ އިދާރާގެ ވާހަކަ ނުވަތަ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ރައީސާ ވާހަކަދެއްކުމުގެ ފުރުޞަތު އޮންނާނެއެވެ. ބައްދަލުވުން އޮންނާނެ ތާރީޚާއި ވަގުތު، ހުށަހަޅާފައިވާ މުއާމަލާތްކުރާ ވަސީލަތް މެދުވެރިކޮށް އަންގާނެއެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ބައިވެރިންގެ އަމަލުތައް ބަހައްޓަންވާނީ އަދަބުވެރިކަމާއެކުގައެވެ. ބިރުދެއްކުމާއި، ހުތުރު ބަހުން ވާހަކަދެއްކުމާއި، މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކަށް ފުރުޞަތެއް ނުދެވޭނެއެވެ.
ރައީސް ޑރ. މުޢިއްޒު މި ޕްރޮގްރާމް އިޢުލާން ކުރެއްވީ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ގާތުން އަޑުއެއްސެވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިހާތަނަށް އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވާފައެވެ. މި ޕްރޮގްރާމަކީ ރައްޔިތުންނާ ވަކިވަކީން ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އުފުލުމަށް ލިބޭ ވަރަށް ފުޅާ ފުރުޞަތެކެވެ.