ޚަބަރު
ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ޤައުމިއްޔަތުގެ ރޫޙު ހިފެހެއްޓުމަށް ގޮވާލަން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
މިއަދު ފާހަގަކުރަމުންދާ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހައި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ކޮންމެ ދިވެހި ދަރިއެއްގެ ހިތުގައިވެސް ޤައުމިއްޔަތުގެ ރޫޙު ދިރުވައި އާލާކުރުމަށް އިލްތިމާސްކުރައްވައިފިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ. އެގޮތުން، 'ކަނޑުގެ ބާޒު'ގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިޢުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބީ ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާޒީގައި ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކު ފެންނާން އޮތް ހަގީގަތަކީ، ދިވެހި ޤައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވީކަން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މިއަދު އަޅުގަނޑުމެން ގަދައަޅައި ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް ކަމަށް އެ މަނިކުފާނު ނަސޭހަތްތެރިވެލެއްވިއެވެ.
ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ ފެންނާން އޮތް ހަގީގަތަކީ، ދިވެހި ޤައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވީކަން. މިއަދު އަޅުގަނޑުމެން ގަދައަޅަައި ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް ރައީސް ހުރިހާ ދިވެހި ރައްޔިތުންނަށް ގޮވާލެއްވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، މި ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަކީ މިއަދުގެ އެންމެ ބޮޑު ޢަޒުމަށް ހަދަންޖެހޭ ކަމަށެވެ.